އިންޑިޔާގެ ވެރިރަށް ނިއުދިއްލީގެ މަޝްހޫރު ކްރިކެޓް ދަނޑު،ނެހެރޫ ސްޓޭޑިޔަމްގައި ބޭއްވި ހަތް ވަނަ ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ތަށި ހަ ވަނަ ފަހަރަށް އިންޑިޔާއިން ކާމިޔާބުކޮށްފިއެވެ.

މުބާރާތުގެ ތަށި ހަ ވަނަ ފަހަރަށް އިންޑިޔާއިން ކާމިޔާބު ކުރީ މިއަދު ރާއްޖެ ގަޑިން ހަވީރު 5:30 ގައި އަފްގާނިސްތާނާ ދެކޮޅަށް ކުޅެ 4-0 ލަނޑުން މޮޅުވެގެންނެވެ.

އިންޑިޔާގެ މިނަވަންކަމުގެ ބާނީ ނެހެރޫ އަށް ނިސްބަތްވާ" ނެހެރޫ ސްޓޭޑިޔަމް" މި ދަނޑުގައި 60000 މީހުންގެ ޖާގަ އޮތް އިރު، އިންޑިޔާއަށް ސަޕޯޓްކުރުމަށް ޓަކައި އެޤައުމުގެ 25000 އަށް ވުރެގިނަ މީހުން މިއަދު ވަނީ ދަނޑަށް ވަދެފައެވެ. އަދި މިމުބާރާތުގެ އަލަށް ފައިނަލަށް ދަތުރު ކުރި އަފްޤާނިސްތާން ޓީމަށް، ސަޕޯޓް ކުރުމަށް ޓަކައި އެޤައުމުގެ 5000 ވުރެ ގިނަ މީހުން ވަނީ ނެހެރޫ ސްޓޭޑިޔަމްއަށް ވަދެފައެވެ.

މިއަދު މެޗްގެ ފުރަތަމަ ލަނޑު އިންޑިޔާއިން އަފްގާނިސްތާން ކޮޅަށް ޖެހީ މެޗްގެ ދެ ވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ސުނިލް ޗެތުރީއެވެ. އަދި އިންޑިޔާގެ ދެވަނަ ލަނޑު މެޗްގެ 78 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކެލިފޯޑް މެރިންޑާ، އަދި އޭނގެ އެއް މިނެޓް ފަހުން ޖޭޖޭ ވަނީ އިންޑިޔާގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްދީ މުޅި ސްޓޭޑިޔަމްގައި ތިބި އިންޑިޔާގެ ސަޕޯޓަރުން އުފާކޮށްލާފައެވެ. މެޗްގައި އިންޑިޔާއި އަފްގާން ކޮޅަށްޖެހި ހަތަރު ވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗްގެ އިތުރު ވަގުތުގައި ސުހެއިލް ކުމާރު ސިންހްއެވެ.

މެޗުގެ ދެވަނަ ހާފުގައި އަފްގާނިސްތާންގެ ގޯލް ކީޕަރު ހާމިދުﷲ ޔޫސުފް ޒާރީއަށް ރެފްރީ ވަނީ ރަތް ކާާޑު ދައްކާ ދަނޑު ފޮނުވާލައިފައެވެ. އޭނާއަަށް ރަތްކާޑު ދެއްކީ އަފްގާންގެ ޕެނަލްޓީ އޭރިޔާތެރެެއިން، އެޤައުމުގެ ކުޅުންތެރިއަކު އިންޑިޔާގެ ކުޅުންތެރިއަކަށް ފައުލް ކުރުމާއި ގުޅިގެން، ރެފްރީ ޕެނަލްޓީއެއް އިންޑިޔާއަށް ދިނުމުން، ރެފްރީއާދިމާލަށް ކުޅިވަރުގެ ރޫހާ ހިލާފަށް އަޑު ގަދަ ކުރުމުންނެވެ.

މިއަދުގެ ފައިނަލް މެޗަށްފަހު މުބާރާތުގެ ޗެމްޕިއަންޓީމަށާއި ރަނަރަޕް ޓީމަށް، ތައްޓާއި ޓްރޮފީ ހަވާލުކޮށްދެއްވީ ސައުތު އޭޝިޔަން ފުޓްބޯޅަ ފެޑަރޭޝަންގެ އިސްވެރިންނެވެ. އެގޮތުން މިއަދު މެޗްގެ މޮޅު ކުޅުންތެރިޔާއަށް، އިންޑިޔާ ޓީމުގެ ޖޯޒީ ނަންބަރު 11 ސުނިލް ޗެތުރީއަށް ލިބުނުއިރު، މުބާރާތުގެ ދެން ހުރި މަޤާމްތައް ވެސް ހޯދީ އޭނާއެވެ. އެގޮތުން އޭނާއަަށް މުބާރާތުގެ ފެއާޕުލޭ ކުޅުންތެރިޔާގެ މަގާމާއި، މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަޤާމް ވެސް ވަނީ ލިބިފައެވެ. އަދި މުބާރާތުގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ މަޤާމް ވެސް ލިބުނީ ސުނިލް ޗެތުރީއަށެވެ.
މިފަހަރުގެ ސާފްޗެމްޕިއަންޝިޕްގައި ސުނިލް ޗެތުރީ ވަނީ އިންޑިޔާއަށް ހަތް ގޯލް ކާމިޔާބު ކޮށްދީފައެވެ. އަދި ސާޗް ޗެމްޕިއަންޝިޕް ފުޓްބޯޅަ ުބާރާތުގެ ތާރީހުގެ، އެއް މުބާރާތެއްގައި އެންމެ ގިނަ ލަނޑު ޖެހީ ވެސް ސުނިލް ޗެތުރީއެވެ. އެއީ މިފަހަރުގެ މުބާރާތުގައެވެ. އަދި މިފާހަރުގެ މުބާރާތުގައި ދެ ވަނައަށް އެންމެ ގިނަ ގޯލް ޖެހީ އަފްގާންގެ ބަލާލް އަރެޒޯއެވެ.

މިފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން އިންޑީޔާހޯދުމުން، އިންޑިޔާގެ ފުޓްބޯޅައާ ބެހޭ މައި އިދާރާއިން ވަނީ އިންޑިޔާގައުމީ ޓީމް ތަމްސީލް ކުރި ކޮންމެ ކުޅުންތެރިޔަކަށް އެއްލަކަ ރުޕީސް ދީފައެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހޯދި އިންޑިޔާއަށް 50000 ޑޮލަރު ދިންއިރު، ރަނަރަޕްކަން ހޯދި އަފްގާން ޓީމަށް ވަނީ 25000 ޑޮލަރު ދީފައެވެ.

މިފަހަރުގެ މުބާރާތުގެ ރަނަރަޕްކަން އަފްގާން ހޯދިއިރު، މީގެ ކުރީގެ ސާފް ޗެމްޕިއަންޝިޕްގައި އެޤައުމު ވަނީ ގޮތް ނޭނގޭ ނަތީޖާތަކެއް ނެރިފައެވެެ. އެގޮތުން އަފްގާނު ގައި ފުޓްބޯޅަ ކުޅޭނެ ރަސްމީ އެންމެ ދަނޑެއް އޮތް ނަމަވެސް ކޮންމެ މުބާރާތެއްގައި ވެސް އަފްގާނިސްތާނުން ދަނީ ނަތީޖާތައް ރަނގަޅު ކުރަމުންނެވެ. ހާއްސަކޮށް ހޮލެންޑާއި ޖަރުމަނު ފަދަ ގައުމުތަކުގެ އެހީތެރިކަން އަފްގާނިސްތާނަށް ލިބެން ފެށުމުން ފުޓްބޯޅައިގެ އޮނިގަނޑު ރަނގަޅު ކުރުމަށް ވަނީ މަސައްކަތް ފެށިފައެވެ. މި ގޮތުން އެގައުމުން އެންމެ ބޮޑަށް މަސައްކަތް ކުރަނީ ބޭރުގައި ޤައުމުތަކުގައި ކުޅޭ އެ ޤައުމުގެ ކުޅުންތެރިން ގައުމަށް ނެގުމަށާއި އެހެން ޤައުމުތަކުގެ މޮޅު ކުޅުންތެރިންނަށް އަފްގާނިސްތާނުގެ ރައްޔިތުކަން ދީގެން ޓީމް ވަރުގަދަ ކުރުމަށެވެ.

ސާފް ޗެމްޕިއަންޝިޕްގައި އަފްގާނިސްތާނަށް މީގެ ކުރިން އެއް ވެސް ރަނގަޅު ނަތީޖާއެއް ހޯދިފައެއް ނުވެއެވެ. އެގޮތުން 1997 ވަނަ އަހަރާއި 1999 ވަނަ އަހަރު ބޭއްވި މުބާރާތުގައި ވެސް އަފްގާނިސްތާނުން ބައިވެރިވެފައި ނުވާއިރު، ސާފް ޗެމްޕިއަންޝިޕްގައި އެޤައުމު އެންމެ ފުރަތަމަ ވެސް ބަައިވެރިވީ 2003 ވަނަ އަހަރު ބަންގްލަދޭސްގެ ވެރިރަށް ޑާކާގައި ބޭއްވި މުބާރާތުގައެވެ. އެފަރުގެ މުބާރާތުން އަފްގާނިސްތާން ވަނީ ގްރޫޕް ސްޓޭޖުން ކަޓާފައެވެ. އަދި 2005 ވަނަ އަހަރު އިންޑިޔާގެ ކަރާޗީގައި ބޭއްވި މުބާރާތުން ވެސް އަފްޤާނިސްތާނުން ކެޓީ ގްރޫޕް ސްޓޭޖުންޏެވެ. އަދި 2008 ވަނަ އަހަރާއި 2009 އހަރު ބޭއްވި މުބާރާތުން ވެސް އަފްޤާނިސްތާން ކެޓީ ގްރޫޕް ސްޓޭޖުންނެވެ.