14 Mar 2020, 12:58
ކޮރޯނާ ވައިރަސް އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުނު މީހުން ތިބި އިތުރު ފަސް ރިސޯޓެއް މޮނީޓާ ކުރަމުންދާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެ އިދާރާއިން ބުނީ ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓު (. ފުރަނަފުށި)އައި ބަނޑޮސް މޯލްޑިވްސް (ކ. ބަނޑޮސް)އާއި އޮޅުވެލި ބީޗު ރިސޯޓު (ކ. އޮޅުވެލި)އާއި މީރު އައިލެންޑް ރިސޯޓު (ކ. މީރުފެންފުށި) އަދި ޑްރީމްލޭންޑު މޯލްޑިވްސް ރިސޯޓު (ބ. ހިރުނދޫ) މިހާރު އޮތީ މޮނީޓަރިންގެ ހާލަތުގައި ކަމަށެވެ.
އެގޮތުން ޝެރެޓަން މޯލްޑިވްސްގައި ހުރި ބިދޭސީއެއްގެ ފަރާތުން ކޮރޯނާގެ އަލާމާތްތައް ފެނުމުން އޭނާގެ ޓެސްޓުތައް ހެދުމަށް ސާމްޕަލް ނަގާފައިވާ ކަމަށާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އޮޅުވެލި ރިސޯޓުން ދެ ބިދޭސީއެއްގެ ސާމްޕަލް ނަގާފައިވާއިރު، ބަނޑޮހުން ވަނީ އެއް ބިދޭސީއެއްގެ ސާމްޕަލް ނަގައިފައެވެ.
މީގެ އިތުރުން މީރު އައިލެންޑުންވެސް އެއް ބިދޭސީއެއްގެ ސާމްޕަލް ނަގާފައިވާއިރު ޑްރީމްލޭންޑް ރިސޯޓުން ވަނީ އެއް ބިދޭސީއެއްގެ ސާމްޕަލް ނަގައިފައެވެ.
ކޮރޯނާއާއި ޝައްކު ކުރެވޭ އަލާމާތްތައް މީގެ ކުރިން ފެނުނު މީހުން ތިބި ރިސޯޓުތަކާއި ބަލި ފެނުނު މީހުން ތިބި ރިސޯޓުތައްވެސް އޮތީ މޮނީޓަރިން ހާލަތުގައެވެ.
ކޮރޯނާއާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަވާ ތަރުޖަމާނު މަބްރޫކު އަޒީޒް ރޭ ވިދާޅުވީ ކުރެއްދޫ ރިސޯޓު (ޅ. ކުރެއްދޫ)، ސޭންޑީޒް ބަތަލާ (އއ. ބަތަލާ)، ކުރަމަތި އައިލެންޑް ރިސޯޓު (އއ. ކުރަމަތި)، ސަމާ އައިލެންޑް (ކ. ޒިޔާރަތްފުށި)، ވިލަމެންދޫ ރިސޯޓު (އދ. ވިލަމެންދޫ) އަދި އޮބްލޫ ސަންގެލި (ކ. އަކިރިފުށި)ވެސް އޮތީ މޮނީޓަރިން ހާލަތުގައި ކަމަށެވެ.
މީގެ އިތުރުން ބ. ފެހެންދޫއިން ބައްޔަށް ޝައްކު ކުރެވޭ މީހަކު ފެނުމުން އެ ރަށްވެސް މޮނީޓަރިން ހާލަތުގައި އޮތްއިރު ބައްޔަށް ޝައްކުކުރެވޭ ދެ ބިދޭސިން ތިބި ސަރާފީއެއް ކަމަށްވާ "ވައިޓް ވޭވްސް"ވެސް އޮތީ މޮނީޓަރިން ހާލަތުގައެވެ.
ރާއްޖެއިން މިހާތަނަށް ނުވަ މީހަކު ކޮރޯނާއަށް ޕޮޒިޓިވް ވެފައިވާއިރު ރާއްޖޭގައި 30 ދުވަހުގެ މުއްދަތަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކާ ވަނީ އިއުލާނު ކޮށްފައެވެ.