ކޮރޯނާވައިރަސް އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވާޅުތަކުގެ ދަށުން ބަންގްލަދޭޝްއިން އައި ދިވެއްސަކު ކަރަންޓީނު ކޮށްފިއެވެ.

ރާއްޖެއިން ވެސް ކޮރޯނާ ވައިރަސް ފެނުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށާފައިވާއިރު ބަންގްލަދޭޝް އިން ރާއްޖެއަށް މީހުން އެތެރެވުން ވަނީ ވަގުތީ ގޮތުން މަނާކޮށްފައެވެ. ބަންގްލަދޭޝް އިން ކޮރޯނާ ވައިރަސް ފެނުމުން އަޅާފައިވާ މި ފިޔަވަޅުން އިސްތިސްނާ ވަނީ އެގައުމުން ރާއްޖެ އަންނަ ދިވެހިންނާއި ދިވެހިންނާ ކައިވެނިކޮށްގެން އުޅޭމީހުންނެވެ. ނަމަވެސް މިމީހުންވެސް ކަރަންޓީނު މުއްދަތު ފުރިހަމަކުރަން ޖެހެއެވެ.

ކޮރޯނާއާއި ދެކޮޅަށް އަޅާފައިވާ ފިޔަވާޅުތަކާއެކު ބަންގްލަދޭޝްގެ އިތުރުން އިރާނާއި އިޓަލީ އަދި ޗައިނާއާއި ކޮރެއާގެ ދެ ސަރަހައްދަކުންވެސް މީހުން އައުން ވަނީ މަނާކޮށްފައެވެ.

ބަލި ޖެހިފައިވާ ނުވަ މީހަކު ރާއްޖެއިން ފެނިފައިވާއިރު ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ އުމުރުން 70 އަހަރުގެ އިޓަލީ ފަތުރުވެރިއެއްގެ ހާލު ދަށްކަމަށް ސަރުކާރުން ރޭ ވަނީ ބުނެފައެވެ.