މޯލްޑިވްސް ޗެމްބަރު އޮފް ކޮމާޝްގެ ރައީސަކަށް އިގްތިސާދީ ކަންކަމުގައި އަޑު އުފުއްލަވާ އަދި ޗެމްބަރުގެ ހަޒާންދާރުގެ މަގާމުގައި ހުންނެވި އަހުމަދު އަދީބު ހޮވައިފި އެވެ.

މިރޭ ޝީ ބިލްޑިންގްގައި އޮތް ބައްދަލުވުމުގައި ނައީބު ރައީސަކަށް ހޮވިވަޑައިގަތީ ޔޯރޯ ސްޓޯރުގެ އެއް ހިއްސާދާރު އިސްމާއީލް ނޫރައްދީނެވެ. އަނެއް ނާއިބު ރައީސަށް ހޮވިވަޑައިގަތީ މިހާރު ވެސް ޗެމްބަރުގެ ނާއިބު ރައީސްގެ މަގާމުގައި ހުންނެވި އާސިފު އިސްމާއީލެވެ.

ޓޫރިޒަމްގެ ދާއިރާތަކާއި އަދި އާންމު ވިޔަފާރިވެރިން ބައިވެރިވި ޖަލްސާގައި ކުރިއަށް އޮތް އެއް އަހަރު ދުވަހަށް އެ ތިން ބޭފުޅުން ވެސް ހޮވިވަޑައިގަތީ ކޮންމެ ބޭފުޅަކަށް ވެސް 46 ވޯޓް ލިބިވަޑައިގެންނެވެ.

އަދީބު މިރޭ ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކުރިއަށް އަހަރުގެ ތެރޭގައި ވެސް ވިޔަފާރިވެރިންގެ ހައްގުގައި މަސައްކަތް ކުރައްވާނެ ކަމަށާއި އަދި ބޭރުގެ ފެއާތަކުގައި ބައިވެރިވެ ދިވެހި ވިޔަފާރިވެރިންނަށް ފުރުސަތު ހޯއްދަވައިދެއްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ސަރުކާރާ ގުޅިގެން ކުރައްވަން ޖެހޭ ކަންކަން ކުރައްވާނެ ކަމަށާއި ނޫނެކޭ ވިދާޅުވާން ޖެހޭ ހާލަތްތަކުގައި ސާފު އިބާރާތުން ނޫނެކޭ ވިދާޅުވުމަށް ފަސް ނުޖެހޭނެ ކަމަށެވެ.

އަދީބު އެ މަގާމަށް ހޮއްވައިދެއްވި ބޭފުޅުންނަށް އޭނާ ޝުކުރު އަދާ ކުރެއްވި އެވެ.