ވޮޝިންޓަން (14 މާޗް 2020) : އެމެރިކާގައި ބިރުވެރި މިންވަރަކަށް ކޮވިޑް-19 ވައިރަސް ފެތުރެމުންދާތީ ރައީސް ޑޮނަލްޑް ޓްރަމްޕް ގައުމީ ކުއްލި ހާލަތު (ނެޝަނަލް އިމާޖެންސީ) އިއުލާނުކުރައްވައިފި އެވެ.

"ނެޝަނަލް އިމާޖެންސީ" އިޢުލާނުކުރައްވަމުން ޓްރަމްޕް ވިދާޅުވީ ކުރިން ހީކުރެވިފައިވާ ވަރަށް ވުރެ ކޮވިޑް-19ގެ ނުރައްކާ އެމެރިކާއަށް ބޮޑުކަން ކަމާބެހޭ ފަންނީ މާހިރުން ކަށަވަރުކޮށްދެއްވައިފި ކަމުގަ އެވެ. އަދި އެމެރިކާގައި ކޮވިޑް-19 ކޮންޓްރޯލް ކުރެވޭނީ "ނެޝަނަލް އިމާޖެންސީ" އިޢުލާނުކޮށް ބުރު މަސައްކަތްތަކެއްކޮށް އިގްތިސާދީ ގޮތުން ގުރުބާނީ ތަކެއް ވެގެންކަން އެފަރާތްތަކުން ލަފާ ދެއްވާފައިވާ ކަމަށް ޓްރްމްޕް ވިދާޅުވި އެވެ. "ނެޝަނަލް އިމާޖެންސީ" އިޢުލާނު ކުރުމުން ކޮންގްރެސްގެ ހުއްދަނެތި އެކަމަށް 50 ބިލިޔަން ޑޮލަރު ޚަރަދު ކުރުމުގެ ފުރުސަތު އޭނާގެ ސަރުކާރަށް ލިބޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާގެ ސްޓޭޓްތަކުގައި ވެސް ކުއްލި ހާލަތު އިއުލާނު ކުރަނީ

ޓްރަމްޕް "ނެޝަނަލް އިމާޖެންސީ" އިޢުލާނު ކުރެއްވި އިރު އެމެރިކާގެ ސްޓޭޓެއްކަމަށްވާ އޮހާޔޯގެ ގަވަރުނަރު މައިކް ޑައިވައިން ވަނީ އެސްޓޭޓްގައި އެއްލައްކަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާ ކަމުގެ ބިރު އޮތްކަން އެސްޓޭޓްގެ ސިއްޙަތާ ބެހޭ އިދާރާއިން ބުނެފައިވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފަޅުކުރައްވައިފަ އެވެ. ސީއެންއެން އަށް ދެއްވި ބަސްދީގަތުމެއްގައި އޮހާޔޯގެ ގަވަރުނަރު ވަނީ އެސްޓޭޓްގައި ކުއްލި ޙާލަތު އިއުލާނުކޮށް ސްކޫލްތަކާއި ތައުލީމުދޭ ހުރިހާ ތަންތަނެއް ތިން ހަފްތާއަށް ބަންދުކުރިކަން ކަށަވަރުކޮށް ދެއްވައިފަ އެވެ. އޭގެކުރިން އެމެރިކާގެ ނިޔުޔޯކް ސިޓީގެ ގަވަރުނަރު ވަނީ ކޮވިޑް-19 އާ ގުޅިގެން ނިޔުޔޯކްގައި ކުއްލި ހާލަތު އިއުލާނު ކުރައްވައިފަ އެވެ.

އެމެރިކާގެ ރައްޔިތުން ކާބޯތަކެތި ގަނެ ޚަޒާނާ ކުރަނީ

އެމެރިކާގެ 100 މިލިޔަނެއްހާ މީހުންނަށް ކޮވިޑް-19 ޖެހިދާނެ

އެމެރިކާގެ ސިއްހަތާ ބެހޭ އިދާރާތަކުން ވަނީ އެމެރިކާގެ އެކި ސްޓޭޓްތަކުގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު 1686 އަށް އެރިކަމާއި 51 މީހުން އެރޯގައި މަރުވިކަން އިއުލާނުކޮށްފަ އެވެ. އެމެރިކާގައި ކޮވިޑް-19 ގެ އާލާމާތްތައް ހުންނަ މީހުން ވަރަށް ގިނައިން ފެންނަމުންދާތީ އާއި އެމެރިކާގައި އެ ރޯގާ ކޮންޓްރޯލް ކުރަން ދަތިވާނެކަމާއި ކޮވިޑް-19 ކޮންޓްރޯލު ކުރެވޭއިރު އެމެރިކާގެ އާބާދީގެ 100 މިލިޔަނެއްހާ މީހުން އޭގެ ޝިކާރައަކަށް ވުން އެކަށީގެންވާކަމަށް ސިއްޙަތާ ބެހޭ އެމެރިކާގެ ބައެއް ތަޖްރިބާކާރުންވަނީ ވިދާޅުވެފަ އެވެ. މިބިރުވެރިކަމާ އެކު އެމެރިކާގެ ރައްޔިތުންވަނީ ކާބޯތަކެއްޗަށް ޖެހިދާނެތީ ކާބޯތަކެތި ގަނޑުކޮށް ގަނެ ގޭގައި ރައްކާ ކުރަން ފަށައިފަ އެވެ.

ޗައިނާގައި ކޮވިޑް-19 ކޮންޓްރޯލް ކުރިގޮތަށް އެމެރިކާގައި އެކަން ނުކުރެވޭނެ

ރޯގާތައް ކޮންޓްރޯލް ކުރުމާބެހޭ އެމެރިކާގެ އެންމެ އިސް ތަޖްރިބާކާރުގެ ގޮތުގައި ސިފަކުރެވޭ އިސް ޑޮކްޓަރު ޕްރޮފެސާ އެންޓަނީ ފޫޗީ ވަނީ ޗައިނާއިން ކޮވިޑް-19 ކޮންޓްރޯލު ކުރި ހަރުކަށި ގޮތަށް އެމެރިކާގައި އެކަން ނުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމެރިކާގެ ސްޓޭޓްތަކުގައި ރޯގާތަކަށް ޓެސްޓް ކުރުމުގެ ނިޒާމު މިފަދަ ބޮޑު ވަބާއަކާ ކުރިމަތިލެވޭ ވަރަށް ވުރެ މާބަލި ކަމަށާއި އެ ނިޒާމު ތަރައްގީކުރެވޭ އިރު ކޮވިޑް-19 އެމެރިކާގެ އެތެރޭގައި އާދަޔާ ޚިލާފަށް ފެތުރިގެން ހިނގައިދާނެކަމުގެ ބިރަކީ ހަގީގީ ބިރެއްކަމަށް ވެސް ޕްރޮފެސާ އެންޓަނީ ވިދާޅުވި އެވެ.

އެމެރިކާގެ އެެއާޕޯޓްތަކުގެ ޓާލިނަލްތަކުން ފަސިންޖަރުން ހުސްވެފައި

ޔޫރަޕާއި އެމެރިކާއާ ދެމެދު ވައިގެ ދަތުރުފަތުރު ހުއްޓާލައިފި

އެމެރިކާގައި ކޮވިޑް-19 އަދަޔާ ޚިލާފަށް ފެތުރުގެންދާނެކަމުގެ ބިރުވެރިކަން އުފެދުމުން ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކާ ދެމެދު ވައިގެ ދަތުރުފަތުރުތައް ކުރުން ވެސް ވަގުތީގޮތުން މަނާކުރައްވައިފަ އެވެ. އަނެއްކޮޅުން ކޮވިޑް-19ގެ ސަބަބުން އެމެރިކާގައި ވަނީ ބޮޑު ބިރުވެރިކަމެއް ވެސް އުފެދިފަ އެވެ.

އެމެރިކާ ސިފައިންގެ ބައެއް ހަރަކާތްތައްވެސް ހުއްޓާލައިފި

ކޮވިޑް-19 ގެ ބިރުވެރިކަމާ ގުޅިގެން އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިންވަނީ އެމެރިކާ ސިފައިންގެ ބައެއް ތަމްރީންތަކާއި ކަނޑުދަތުރުތައް ވެސް ހުއްޓާލިކަން އިއުލާނުކޮށްފަ އެވެ. އަދި އެމެރިކާ ސިފައިން އެއްތަނުން އަނެއް ތަނަށް ގެންދިޔުމުގެ ހަރަކާތްތައް ވެސް ވަނީ ވަގުތީގޮތުން ހުއްޓާލައިފަ އެވެ. (އެމެރިކާގެ މީޑިއާ)