ރާއްޖޭގެ ކުރީގެ މަޝްހޫރު ވިޔަފާރިވެރިޔާ އަލްމަރުހޫމް ދިއްދޫ އިބްރާހިމް ކަލޭފާނު ]ޑީއައިކޭ[ގެ ބިންތައް އިލްޔާސް އިބްރާހިމް ބައްލަވައިގަތް މައްސަލަ ތަހުގީގުކޮށް ދިނުމަށް އެދި ރައީސް ނަޝީދު ރިޔާސީ ކޮމިޝަނަށް ސިޓީއެއް ފޮނުއްވައިފި އެވެ.

ރިޔާސީ ކޮމިޝަންގެ ރައީސް އަދި މާލޭސިޓީ ކައުންސިލްގެ މެންބަރު ސަރަނގު އާދަމް މަނިކު މިއަދު ވިދާޅުވީ ދިއްދޫ އިބްރާހިމް ކަލޭ ފާނުގެ ގިނަ ބިންތަކެއް އިލްޔާސް އިބްރާހިމް އެކަނި ބައްލަވައިގަތް މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ރައީސް ސިޓީއެއް ފޮނުއްވާފައި ވަނީ މިއަދު ކަމަށެވެ.

އާދަމް މަނިކު ވިދާޅުވީ މަރުހޫމް ދިއްދޫ އިބްރާހިމް ކަލޭފާނުގެ ނަމުގައި މާލޭގައި ރަޖިސްޓްރީކޮށްފައިވާ ބިންތައް އިލްޔާސް އިބްރާހިމް އޭރު ހުންނެވި މަގާމުގެ ނާޖާއިޒް ބާރާއި ނުފޫޒު ބޭނުން ކުރައްވައިގެން އެކަށީގެން ނުވާ ހެޔޮ އަގުތަކުގައި ބައްލަވައިގެންފައިވާ ކަމުގެ ޝަކުވާ އާއި ތުހުމަތު މަރުހޫމް ދިއްދޫ އިބްރާހިމް ކަލޭފާނުގެ އާއިލާ އާއި އަދި އެހެން ބައެއް ފަރާތްތަކުން ރައީސް ނަޝިދާ ހަމަޔަށް ހުށަހަޅާފައިވާ ކަމަށް ރައީސްގެ ސިޓީގައިވާ ކަމަށެވެ.

ރައީސްގެ އެދިވަޑައިގަތުމުގެ މަތިން އެކަން ތަހުގީގު ކުރުމަށް މާދަމާ ރިޔާސީ ކޮމިޝަންގެ ބައްދަލުވުމެއް ބާއްވަން ހަމަޖައްސާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.