ރާއްޖޭގައި އޮޕަރޭޓު ކުރާ ސަފާރީއެއްގައި ތިބި ދެ ފަތުރުވެރިއެއްގެ ގައިން ކޮރޯނާ އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެންނާތީ އެ ދެމީހުން އައިސޮލޭޓުކޮށް ބައްޔަށް ޓެސްޓުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ކޮރޯނާގެ ހާލަތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ކަނޑައަޅާފައި ހުންނަވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ ސަފާރީއެއްގައި ތިބި ދެ މީހެއްގެ ގައިން ބަލީގެ އަލާމާތްތައް ފެންނާތީ އެ ދެމީހުން ސަފާރީގައި އައިސޮލޭޓު ކޮށްފައިވާ ކަމަށެވެ.

އަދި ޑޮކްޓަރުންގެ ޓީމެއް އެ ސަފާރީ އަށް ދަތުރުކުރަމުންދާ ކަމަށާއި އެ ސަފާރީ އޮތީ ވަގުތީގޮތުން މީހުން އަރާ ފޭބުން މަނާކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ސަފާރީއަކީ "އައިލެންޑް ސަފާރީ 1" ކިޔާ އުޅަނދެކެވެ.

ރާއްޖެއިން ނުވަ މީހަކު ކޮރޯނާ އަށް ޕޮޒިޓިވް ވެފައިވާއިރު 101 ސާމްޕަލްއެއް ވަނީ ބައްޔަށް ޓެސްޓުކޮށްފައެވެ. ރާއްޖޭގައި މިވަގުތު އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާނު ކޮށްފައިވާއިރު އާންމުން އެއްވެ އުޅޭ ޕާކުތަކާއި މައިޒާންތައްވެސް ވަނީ ބަންދުކޮށްފައެވެ.

ކޮރޯނާ އާއި ގުޅިގެން މިހާރު ފަރުކޮޅުފުށީ އައިސޮލޭޝަނުގައި ނުވަ މީހަކު އެބަ ތިއްބެވެ. ވިލިވަރު ކަރަންޓީނުގައި 17 މީހަކު ތިބި އިރުކުރެއްދޫ ރިސޯޓާއި، ބަތަލާ، ކުރަމަތި އަދި އަނަންތަރާ ދިގު ގެ އިތުރުން ސިކްސް ސެންސަސް ލާމު، އޯބްލޫ ސެލެނގެލި ރިސޯޓާއި ސަމާ އައިލެންޑް، ވިލަމަންދޫ ރީތިރަށް، އިރުވެލި ރިސޯޓުން މީހުން އަރާ ފޭބުން ވަގުތީގޮތުން ވަނީ މަނާކޮށްފައެވެ.