13 Mar 2020, 23:55
ރާއްޖޭގެ ރައްޔިތުންގެ ސަލާމަތަށް މި ސަރުކާރުން ނާޅާނެ އެއްވެސް ފިޔަވަޅެއް ނޯންނާނެ ކަމަށް ކޮރޯނާ އާ ގުޅިގެން މައުލޫމާތު ހިއްސާ ކުރުމަށް ކަނޑައާޅާފައި ހުންނަވާ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ހާލަތާ ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ބައްޔާއި ގުޅިގެން އެއްވެސް ބަޔަކު އިހުމާލުވެފައިވާނަމަ އެބަޔަކާ ދޭތެރޭ ފުރިހަމަ ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ.
މަބްރޫކު މިހެން ވިދާޅުވިއިރު، ރާއްޖެއިން ފުރި އިރު ކޮރޯނާ އަށް ޕޮޒިޓިވް ވެފައިވާ ފަތުރުވެރިއަކު ފުރުވާލި މައްސަލައެއްގެ ޖިނާއީ ތަހުގީގު ފުލުހުން ވަނީ ފަށައިފައެވެ.
ކުރެއްދޫ ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުން އައި އިޓަލީގެ ފަތުރުވެރިއަކަށް ކޮރޯނާ ވައިރަސް ޖެހިފައިވާ ކަމަށް ޝައްކުވެ އެކަމުގެ އަލާމާތްތަކެއް ފެންނަމުން ދަނިކޮށް އޭނާ ވަނީ ރާއްޖެއިން ފުރައިގެން ގޮސްފަ އެވެ. އޭނާ ގައުމަށް އެނބުރި ދިޔަފަހުން ކޮރޯނާއަށް ޕޮޒިޓިވްވެފައިވާ އިރު އޭނާގެ ފަރާތުން ކުރެއްދޫ ރިސޯޓްގެ ބިދޭސީ ދެ މުވައްޒަފަކަށް ވަނީ ކޮރޯނާ ޖެހިފަ އެވެ. އޭގެ ފަހުން އެ ރިސޯޓުން އިތުރު ދެ މީހަކު ވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.
މިހާތަނަށް ބައްޔަށް ޕޮޒިޓިވް ވެފައިވާ ނުވަ މީހަކު ރާއްޖެއިން ފެނިފައިވާއިރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިޓަލީ، އީރާން، ޗައިނާ، ކޮރެއާގެ އިތުރުން ބަންގްލަދޭޝް އިން ރާއްޖެ އަންނަ މީހުންނަށް ވަގުތީގޮތުން ރާއްޖެ އެތެރެ ނުވެވޭނެ ގޮތް ވަނީ ހަދައިފައެވެ.
ބައެއް ރިސޯޓުތަކަށް މީހުން އަރައިި ފޭބުންވެސް ވަގުތީގޮތުން ހުއްޓުވާލާފައިވާއިރު މީގެ ތެރޭ ހިމެނެނީ ކުރެއްދޫ، ބަތަލާ، ކުރަމަތި، ސަމާ އައިލެންޑް، ވިލަމެންދޫ، އޮބްލޫ ސަންގިލި އަދި ސިކްސް ސެންސަސް ލާމު ރިސޯޓެވެ.
ރިސޯޓުތަކަށާއި ސަފާރީތަކަށް އަންނަ ފަތުރުވެރިންވެސް ރަށްރަށަށް އެކްސްކާޝަންއަށް ގެންދިޔުން މަނާކޮށްފައިވާއިރު ރާއްޖޭގައި 30 ދުވަހުގެ މުއްދަތަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކާ ވަނީ އިއުލާނު ކޮށްފައެވެ.