13 Mar 2020, 22:24
ބ. ފެހެންދޫ އަށް ދިޔަ ފަތުރުވެރިއެއްގެ ގައިން ކޮވިޑް 19 ގެ އަލާމާތްތައް ފެންނާތީ އޭނާ އެކަހެރިކޮށް، ޓެސްޓު ހެދުމުގެ މަސައްކަތް ފަށައިފިއެވެ.
ކޮޮރޯނާ އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން އެކަމަށް ކަނޑައަޅާފައި ހުންނަވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ފެހެންދޫ ގެސްޓްހައުސް އަކަށް ދިޔަ ފަތުރުވެރިއެއްގެ ފަރާތުން ބައްޔަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން އޭނާ ޓެސްޓު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
"ފެހެންދޫ ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެވިފަައި. އަދި ޓީމެއް މިހާރު ފެހެންދޫ އަށް ދަތުރު ކުރަމުން އެބަދޭ،" މަބްރޫކް ވިދާޅުވީ އެރަށުގައި ކުރައަށް ގެންދަންޖެހޭ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރަމުންދާނެ ކަމަށެވެ.
ރާއްޖެއިން މިހާތަނަށް ކޮރޯނާ އަށް ޕޮޒިޓިވް ވެފައިވާ ނުވަ މީހަކު ތިބި އިރު އޭގެ ތެރޭގައި ހިމެނެނީ ޅ.ކުރެއްދޫ އައިލެންޑް ރިސޯޓުން ބައްޔަށް ޕޮޒިޓިވްވި ހަތަރު މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓުން ބައްޔަށް ޕޮޒިޓިވްވި ދެ މީހުންގެ އިތުރުން އއ ބަތަލާ ރިސޯޓުން ޕޮޒިޓިވް ވި ދެ މީހެއްގެ އިތުރުން އަނަންތަރާ ދިގު ރިސޯޓުން ޕޮޒިޓިވްވި މީހެކެވެ.
މި ރިސޯޓުތަކުގައި ތިބި ފަތުރުވެރިންގެ އެގްޒިޓް ސްކްރީނިން ހަދައި، ރިސޯޓުތަކުގައި ތިބި ފަތުރުވެރިން ފުރުވާލުމުގެ މަސައްކަތް ފަށާފައިވާކަން މަބްރޫކް މިރޭ ފާހަގަ ކުރެއްވިއެވެ.
އެގޮތުން ބަތަލާ ރިސޯޓުން 126 ފަތުރުވެރިއަކު، ކުރަމަތިން 73 ފަތުރުވެރިއަކު އަދި ކުރެއްދޫ އިން 220 ފަތުރުވެރިއަކު ފުރުވާލެވިފައިވާކަން މަބްރޫކް ވިދާޅުވިއެވެ.
މިހާތަނަށް ކޮރޯނާ އަށް ޓެސްޓު ކުރުމަށް 101 ސާމްޕަލެއް ނަގާފައިވާއިރު އޭގެ ތެރެއިން 92 ސާމްޕަލެއް ބައްޔަށް ވަނީ ނެގެޓިވް ވެފައެވެ.
ކޮރޯނާ އާއި ގުޅިގެން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާނު ކޮށްފައިވާއިރު އާންމުން އެއްވެ އުޅޭ ޕާކުތަކާއި މައިޒާންތައް ވަނީ ބަންދުކޮށްފައެވެ. މާލެ ހިމެނޭގޮތަށް ރަށްރަށަށް އެކްސްކާޝަން ދަތުރުތަކުގައި ފަތުރުވެރިން ގެންދިޔުންވެސް ވަނީ މަނާކޮށްފައެވެ.