ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާނު ކޮށްފައިވާތީ، ދަތުރުފަތުރު މަދުކުރުމުގެ ގޮތުން ވިސާ އާކުރާއިރު މެޑިކަލް ހުށަހަޅަން ނުޖެހޭގޮތަށް ހަދައިފިއެވެ.

އިމިގްރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާނުކޮށްފައިވާތީ، ދަތުރުފަތުރުކުރުން މަދުކޮށް، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތުގެ ތެރޭގައި ވޯކް ވިސާ އަދި އެހެނިހެން ވިސާގެ މުއްދަތު އިތުރުކުރަން ހުށަހަޅާއިރު މެޑިކަލް ރިޕޯޓު ނުލާ ވިސާ ދޫކުރަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް އަލަށް ވޯކް ވިސާ އަދި އެހެން ވިސާއަކަށްވެސް ހުށަހަޅާއިރު މިހާރެކޭވެސް އެއްގޮތަށް މެޑިކަލް ރިޕޯޓު ހުށަހަޅަން ވާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ރާއްޖޭގައި އިއްޔެ އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާނު ކޮށްފައިވަނީ 30 ދުވަހުގެ މުއްދަތަށެވެ. އެއާއެކު މައިޒާންތަކާއި ޕާކުތައް ބަންދުކޮށް އާންމުކޮށް އެއްވެ އުޅޭ ހަރަކާތްތައް ހުއްޓާލުމަށް ވަނީ އަންގައިފައެވެ.

ކޮރޯނާ އަށް ޕޮޒިޓިވްވެފައިވާ ނުވަ މީހަކު މިހާތަނަށް ރާއްޖެއިން ވަނީ ފެނިފައެވެ.