އައިޖީއެމްއެޗުން ދެމުން އަންނަ އިލެކްޓިވް އޮޕަރޭޝަންތައް މެދުކަނޑާލައިފި އެވެ.

އައިޖީއެމްއެޗުން މިއަދު ބުނީ އެ ހޮސްޕިޓަލުން ދެމުން ގެންދިޔަ އިލެކްޓިވް ސާޖަރީތަކުގެ ހިދުމަތް މެނދުކަނޑާލަން ޖެހުނީ އެ ހޮސްޕިޓަލްގެ ސްޓްރަލައިޒް ކުރާ މެޝިންގައި ސްޓްރަލައިޒް ކުރުމުގެ މައްސަލަތަކެއް ހުރުމުން ބަލި މީހުންނަށް ދިމާވެދާނެ ނުރައްކާތެރިކަމުން ސަލާމަތް ވުމަށް ކަމަށެވެ.

ހިދުމަތްތައް މެދުކަނޑާލާފައި ހުންނާނީ މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކަމަށާއި މިމުއްދަތުގައި ކުރުމަށް ހަމަޖެހިފައިވާ އިލެކްޓިވް ސާޖަރީތައް ކެންސަލްކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޝެޑިއުލް އޮޕަރޭޝަންތައް މެދުކަނޑާލިއަސް، އިމަޖެންސީކޮށް ކުރަން ޖެހޭ އޮޕަރޭޝަންތައް ކުރެވޭނެ ކަމަށެވެ.

އައިޖީއެމްއެޗުން ބުނީ މެޝިނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ފަހު 15 ޑިސެންބަރުން ފެށިގެން އަލުން އެ ހިދުމަތް ދޭން ފަށާނެ ކަމަށާއި އަދި ކެންސަލް ކުރި ސާޖަރީތައް އަލުން ހެއްދޭނެ މަގު ފަހިކޮށްދޭނެ ކަމަށެވެ.