މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖެއަށް އެހީތެރިވުމުގެ ގޮތުން އިންޑިއާ އިން ފޮނުވި ޑޮކްޓަރުންނާއި ސިއްހީ އެހީތެރިންގެ ޓީމު ރާއްޖެ އަތުވެއްޖެ އެވެ.

އިންޑިއާ އިން ބުނެފައިވާ ގޮތުގައި މި ޓީމުގައި ހިމެނެނީ، ޕަލްމޮނޮލޮޖިސްޓުންނާއި (ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން)، އެނެސްތެޓިސްޓުންނާއި (ހޭނެއްތުމަށް ހާއްސަ ޑޮކްޓަރުން) ފިޒީޝަނުން އަދި ލެބްޓްރީ ޓެކްނީޝަނުންނެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނީ 14 ބޭފުޅުންގެ މި ޓީމުގައި އެގައުމުގެ އެކި ސަރަހައްދުތަކުގެ ސިއްހީ މާހިރުން ހިމެނޭ ކަމަށެވެ.

ކޮވިޑާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އިންޑިއާ އިން ރާއްޖެއަށް އެހީ ދޭން ނިންމާފައިވާއިރު ސިއްހީ މާހިރުންގެ އިތުރުން ރާއްޖެ އަށް ބޭނުންވާ ބޭސް ހަދިޔާ ކުރަންވެސް އެ ގައުމުން ވަނީ ނިންމައިފައެވެ. މި އެހީ އަކީ ރާއްޖެއިން އެދިގެން އިންޑިއާ އިން ދޭ އެހީއެކެވެ.

އިންޑިއާ އިން މި ބޭސްތައް އެކްސްޕޯޓުކުރުން މަނާކޮށްފައިވީ ނަމަވެސް އިންޑިއާޔާއި ސަރުކާރާ ދެމެދުގައި އޮންނަ ގާތް ގުޅުމުގެ ސަބަބުން މި ބޭސްތައް ރާއްޖެ އެތެރެކުރުމުގެ ހުއްދަ ދޭން އިންޑިއާ ސަރުކާރުން ނިންމާފައިވާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ކޮރޯނާއާ ގުޅިގެން އިންޑިއާ އިން އޮންއެރައިވަލް ވިސާ ދޫކުރުން ހުއްޓާލާފައި އޮތް ނަމަވެސް، ދެގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމަށް ރިއާޔަތްކޮށް، ދިވެހިންނަށް ލުއި ދޭން ވެސް އިންޑިއާ ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ކޮވިޑާ ގުޅިގެން އިންޑިއާ އިން ވަނީ ޗައިނާގެ ވޫހާން ސިޓީގައި ތާށިވެފައި ތިބި ދިވެހިން އެތަނުން ނެރުމުގައި ވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެމީހުން އެތަނުންނެރެ ރާއްޖެ އައުމުގެ ކުރިން ކަރަންޓީނު މުއްދަތު ހަމަކުރީވެސް އިންޑިއާގަ އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ނުވަ މީހަކު ފެނިފައިވެ އެވެ.