13 Mar 2020, 16:33
އަނަންތާރާ ދިގު ރިސޯޓުން ކޮރޯނާވައިރަހަށް ޓެސްޓުކުރި ބިދޭސީ މީހާ އެ ބައްޔަށް ޕޮޒިޓިވް ވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މިއާއެކު ރާއްޖޭގައި ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު މިވަނީ 9 އަށް އަރާފައެވެ.
އަންތާރާއިން ޕޮޒިޓީވްވި މީހާއަކީ، ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިގެން އިއްޔެ އެ ރިސޯޓުގައި އެކަހެރި ކުރި މީހެކެވެ.
އެޗްޕީއޭއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ، އެ ބިދޭސީ މީހާގެ ޓެސްޓު ހެދުމުން ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަަމަށެވެ.
އެ މީހާ ވައިރަަހަށް ޕޮޒިޓިވްވުމާއެކު، އެ މީހާއާ ކޮންޓެކްޓްވި 11 މީހަކު އެކަހެރިކޮށްފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި އެ ރިސޯޓު މޮނީޓަރިން ސްޓޭޓަސްގައި އޮތް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އަންނަތާރާއިން ވައިރަހުގެ އަލާމާތްތައް ފެނިގެން އިއްޔެ އެކަހެރި ކުރި މިހާ ޕޮޒިޓިވްވިއިރު،، ސިކްސް ސެންސެސް ލާމު ރިސޯޓުން ދެ ބިދޭސީއެއް ވަނީ އެ ރިސޯޓުގައި އެކަހެރި ކޮށްފައެވެ. އެ ދެ މިދޭސީން އަކީ، ރާއްޖެ އެތެރެވުމުން ކުރިން ކޮރޯނާ އަށް ޕޮޒިޓިވްވެފައިވާ މީހަކާއި ކޮންޓެކްޓް ވެފައިވާ ދެ ބިދޭސީން ކަމަށް ރޭ އެޗްޕީއޭ އިން ވަނީ ބުނެފައެވެ. އެ ދެމީހުންގެ ނަތީޖާ އަދި ނުލިބެއެވެ.
ކޮރޯނާ ވައިރަސްއާ ގުޅިގެން އިއްޔެ ދިވެހި ސަރުކާރުން ވަނީ ސިއްހީ ކުއްލި ހާލަތު 30 ދުވަހަށް އިއުލާންކޮށްފައެވެ. އެއާއެކު އެތަށް ބަޔަކު ކަންބޮޑުުވުންތައް ފާޅުކުރި ކައުންސިލް އިންތިހާބު ވެސް ވަނީ އަންނަ މަހު 18 އަށް ފަސްކޮށްފައެވެ. އޭގެ އިތުރުން ސްކޫލަތައްވެސް ހުޅުވުން މިމަހު 21 އަށް ވަނީ ފަސްކޮށްފައެވެ.
މުޅި ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ރިސޯޓްތަކާއި ގެސްޓްހައުސްތައް އަދި ސަފާރީތަކުން އެކްސްކާޝަންއަށް މާލެއަށް ޓޫރިސްޓުން ގެނައުން 10 ދުވަހަށް ވަނީ މަނާކޮށްފައެވެ. އަދި ޕާކް ފަދަ ތަންތަންވެސް މިހާރު ވަނީ ބަންދުކޮށްފައެވެ.
ރާއްޖެއިން އެންމެ ފުރަތަމަ ބަލި ޖެހިފައިވާ މީހަކު ފެނުނީ ކުރެއްދޫ އައިލެންޑް ރިސޯޓުންނެވެ. އެ ރިސޯޓުން މިހާތަނަށް ހަތަރު މީހަކު ވައިިރަހަށް ޕޮޒިޓިވް ވެފައިވާއިރު ބަތަލާ ރިސޯޓުން ދެ ފަތުރުވެރިއަކު، ކުރަމަތި އައިލެންޑް ރިސޯޓުން ދެ މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. އެންމެ ފަހުން އަނަންތާރާ ރިސޯޓުުން ފެނުނު ކޭސްއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ ނުވައެކެވެ.