11 Dec 2011, 17:25
ސަންއާ (ޑިސެމްބަރު 11) : ޔަމަނުގެ ވެރިކަން ބަދަލުކުރުމަށް މަގު ފަހިކުރުމުގެ ގޮތުން އެކުލަވާލި ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރު ހުވާކޮށް މަޤާމާ ހަވާލުވެއްޖެ އެވެ.
މިއީ ޔަމަންގެ ރައީސް އަލީ އަބްދުﷲ ސޯލިހްގެ ވެރިކަން ތިން މަސް ދުވަހުގެ ތެރޭގައި ބަދަލުކުރުމަށްޓަކައި އޭނާ އާއި އިދިކޮޅު ފަރާތްތަކާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެކުލަވާލި ވަގުތީ ސަރުކާރެކެވެ.
މި ވަގުތީ ސަރުކާރުގެ ބޮޑުވަޒީރަކީ މުސްތަޤިއްލު ޝަހުސިއްޔަތެއް ކަމަށްވާ މުހައްމަދު ސާލިމް ބަސިންދަވާ އެވެ.
މިސަރުކާރުގެ ކެބިނެޓްގައި 43 ވަޒީރުން ހިމެނެ އެވެ. މި ވަގުތީ ސަރުކާރު ދެމި އޮންނާނީ އަންނަ އަހަރުގެ ކުރީކޮޅު އިންތިޤާލީ ސަރުކާރެއް އެކުލަވާލެވެން ދެންނެވެ. ވަގުތީ ސަރުކާރު ހިނގަމުންދާނީ ނައިބު ރައީސް އަބްދުރައްބޫ މަންސޫރް ހާދީގެ ބެއްލެވުމުގެ ދަށުންނެވެ. ބޮޑުވަޒީރު ބަސިންދަވާ އާއި އޭނާގެ ކެބިނެޓް މަޤާމުގެ ހުވާ ކުރެއްވީ ވެސް ނައިބު ރައިސް އަބްދުރައްބޫ މަންސޫރް ހާދީގެ ކުރިފުޅުމަތީގަ އެވެ. ދެއަހަރު ދުވަހުގެ މުއްދަތަށް އުފެއްދުމަށް ހަމަޖެހިފައިވާ އިންތިޤާލީ ސަރުކާރު ވެސް ކުރިޔަށްދާނީ ނައިބު ރައީސް އަބްދުރައްބޫ މަންސޫރް ހާދީގެ ބެއްލެވުމުގެ ދަށުންނެވެ.
އިންތިޤާލީ ސަރުކާރު އެކުލަވާލުމަށް ހަމަޖެހިފައިވަނީ 2012 ވަނަ އަހަރުގެ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ މިނިވަން އިންތިހާބަކުންނެވެ. އިންތިޤާލީ މަރްހަލާގައި ދިމުޤްރާތީ ގޮތުން ޔަމަނަށް ގެންނަންޖެހޭ އިސްލާހީ ބަދަލުތައް ގެނަސް ނިންމަން ޖެހޭނެ އެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން އާއި ގަލްފުގެ ޤައުމުތަކުންވަނީ ޔަމަންގެ ވަގުތީ ސަރުކާރަށް މަރުހަބާ ކިޔާފަ އެވެ. ރައީސް ސާލިހަކީ މިހާރު އެއްވެސް ބާރެއް ނެތް ހަމައެކަނި ނަމެއްގައި ހުންނެވި ރައީސެވެ. 3 މަސްފަހުން ރައީސް ކަމުން އޭނާ އިސްތިއުފާ ދެއްވާނެ އެވެ. (ރޮއިޓާސް)