އޮސްޓްރޭލިޔާގެ ކެބިނެޓް ވަޒީރަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، އެގައުމުގެ މުޅި އެ ވައިރަސް ޖެހިފައި ހުރިކަމުގެ ބިރު އުފެދިއްޖެއެވެ/

ބަލިޖެހިފައިވަނީ އޮސްޓްރޭލިއާގެ ހޯމް މިނިސްޓަރު ޕީޓާ ޑަޓަންއެވެ. އޭނާ ބައްޔަށް ޕޮޒިޓިވްކަން އެނގިފައިވާ އިރު، އޭނާ މި ހަފްތާ ތެރޭގައި ކެބިނެޓު ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންފައި ވެއެވެ.

މިދިޔަ ހޯމަ ދުވަހު ޔުނިވާސިޓީ އޮފް ދަ ސަންޝައިން ކޯސްޓްގެ ކެމްޕަހެއް ހުޅުވުމުގެ ރަސްމިއްޔާތަށް ހޯމް މިނިސްޓަރު ޕީޓާ ޑަޓަން ވަޑައިގަތެވެ.

އަދި ދާދު ފަހުން އެމެރިކާއަށްވެސް ރަސްމީ ދަތުރުފުޅެއް ކުރައްވައި، އެމެރިކާގެ އިތުރުން ޔޫކޭއާއި ނިއުޒިލެންޑުގެ އޮފިޝަލުންނާވެސް ބައްދަލުކުރައްވައި ހެއްދެވިއެވެ. އޭނާ ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެޑްވައިޒަރު އަދި ދަރިކަނބަލުން އިވަންކާ ޓްރަމްޕާއި އެމެރިކާގެ އެޓާނީ ޖެނެރަލްވެސް ހިމެނެއެވެ.

މިނިސްޓަރު ޕީޓާ ޑަޓަން ޓްވިޓާގައި އާންމުކުރެއްވި ބަޔާނެއްގައި ބުނީ އޭނާ މިއަދު ހޭލި އިރު ކަރުގައި ރިއްސުމާއި ހުމުގެ އަސަރު ހުރި ކަމަށާއި ސިއްހީ އިދާރާތަކުން ކުރި ޓެސްޓުތަކުން ދެއްކީ އޭނާ ކޮވިޑް19 އަށް ޕޮޒިޓިވްކަމަށް ކަމަށެވެ.

އަދި އޭނާ މިވަގުތު ހުރީ ސިއްހަތާ ބެހޭ އިދާރާތަކުގެ އިރުޝާދުގެ ދަށުން ހޮސްޕިޓަލުގައި އެޑްމިޓްވެގެން ކަމަށްވެސް ވިދާޅުވިއެވެ.

އޮސްޓްރޭލިއާގެ ކޮރޯނާވައިރަސް ފެތުރޭތީ މިހާރު ދަނީ ރައްކާތެރިވުމުގެ ގޮތުން އާންމުން އެއްވާ ގިނަ ހަރަކާތްތައް ވަގުތީ ގޮތުން ހުއްޓާލައިފައެވެ. އެގޮތުން މެލްބޯން ކޮމެޑީ ފެސްޓިވަލްވެސް ވަނީ ފަސްކޮށްފައެެވެ.

ޗައިނާގެ ހުބެއި ޕްރޮވިންސްގެ ވުހާން ސިޓީން ފެތުރެން ފެށި ކޮރޯނާ ވައިރަަސް މިހާރު އެގައުމުގައި ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްވެފައެވެ.

އެހެންނަމަވެސް އިޓަލީ، އިނގިރޭސިވިލާތް، ޖަރުމަނު ވިލާތް އަދި އިރާނުގައި މިހާރު ދަނީ ހަލުވި ކަމާއެކު ބަލި ދަނީ ފެތުރެމުންނެވެ. އެ ބަލީގައި މިހާތަނަށް 125،000 މީހަކު ޕޮޒިޓިވްވެފައިވާއިރު 4000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.