ގއ. ވިލިނގިލިން މިއަދު މަރުވި 24 އަހަރުގެ ޒުވާނާގެ މަރުގެ މައްސަލައިގައި ހަ މީހަކު އެރަށުން ހައްޔަރުކޮށްފިއެވެ.

ވިލިނގިލިން މަރުވީ، އެރަށު ހައިޑް ޕާކް، މުހައްމަދު މުސްތަފާ (މޯޑު) އެވެ.

ފުލުހުންނަށް މިހާދިސާގެ ރިޕޯޓު ލިބުނީ ރޭ ފަތިހު 5:00 ގައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މީގެ ކުރިން ވިދާޅުވީ، ގއ. ވިލިނގިލީގަައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ޒުވާނަކު، މަރުވެފައި އޮތް މައްސަލައެއް އެ ހޮސްޕިޓަލުން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ކޯޓުއަމުރާއެކު މިހާތަނަށް ހަ ދިވެހިން ހައްޔަރުކޮށްފައިވާ ކަމަށެވެ.

"އެއީ 24 އަހަރުގެ ދެ މީހަކާއި 18 އަހަރުގެ މީހަކާއި 23 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 20 އަހަރުގެ މީހެއް. އެ އެންމެންނަކީވެސް ދިވެހި ފިރިހެނުން،" މީޑީއާ އޮފިޝަލް ވިދާޅުވިވއެވެ.

އެރަށުން ވާހަކަ ދެއްކި މީހުން ކިޔައި ދިން ގޮތުގައި، ރޭ އެ ގުރޫޕު ތައްޔާރުވަމުން ދިޔައީ ވަރުގަދަ ޕާޓީއަކަށެވެ. އެކަމަށް ރޭ އިރާކޮޅު އެރަށު "ރެޑްރޯސް ގެސްޓުހައުސް"އިން ކޮޓަރިއެއް ކުއްޔައް ނެގިއެވެ.

އޭނާ މަރުވެފައިވަނީ، އެ ޕާޓީގައި ބާރުގަދަ ޑްރަގްސްތަކެއް ބޭނުންކޮށްގެން އޮވާޑޯޒްވެގެން ކަމަށް ބެލެވޭކަމަށް ރަށުން ވާހަކަ ދެއްކި ބައެއް މީހުން ވަނީ ބުނެފައެވެ. ނަމަވެސް މިކަން ރަސްމީ އެއްވެސް ފަރާތަކުން އަދި ޔަގީންކޮށެއް ނުދެއެވެ.

މި މައްސަލައާ ގުޅުގެން ފުލުހުން ވަނީ މިހާރު ގެސްޓުހައުސް ހުންނަ ސަރަހައްދު ބަންދުކޮށް ބަލަން ޖެހޭ ބެލުންތައް ބަލަމުންނެވެ.

ގއ. ވިލިނގިލީގައި މީހަކު މަރުވި ގެސްޓްހައުސް ސަރަހައްދު ބަންދުކޮށްފައި --

"ސަން" އަށް ކަށަވަރުވެފައިވާ ގޮތުގައި، މުހައްމަދު މުސްތަފާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައެވެ. އަދި ބޭރުފުށުން އެއްވެސް އަނިޔާއެއްވެސް ނެތެވެ. ބާރުގަދަ ޕާޓީ ޑްރަގެއް ނެގުމުގެ ސަބަބުން އޭނާގެ އަނގައިންނާއި ކަންފަތުންވެސް ލޭތައް އައިކަމަށްވެއެވެ.

މިކަމާ ގުޅިގިގެން މުހައްމަދު މުސްތަފާއާއެކު ޕާޓީކުރި އެހެން މީހުން އޭނާ ހޮސްޕިޓަލަށް ގެންދިޔުމަށް ފަހު ފިލިކަމަށް ރަށުން ވާހަކަ ދެއްކި މީހުން ބުންޏެވެ. އަދި މަރުވި ގޮތާ ގުޅޭގޮތުން ދޮގު ހެދިކަމަށްވެސް ވެޔެވެ. ނަމަވެސް ފަހުން އެތަނުން އެކަކު ވަނީ ކަން ހިނގާއިދިޔަ ގޮތް އެ އާއިލާއަށް ކިޔައިދީފައެވެ.

ހުކުރު ނަމާދަށްފަހު އޭނާގެ ވަނީ ވަޅުލާފައެވެ.