މާލޭ އުތުރު ފަރާތު ރަސްމީ ފާލަމުގެ ހުޅަނގު ސަރަހައްދުގައި އަޅާފައި ހުރި މަސްއޮޑިފަހަރުގެ މައްސަލަ ހޫނުވެ، އެ ސަރަހައްދުން އެ އޮޑިފަހަރު ނެގުމަށް ދިން މުހުލަތު މިއަދު ތިނެއްޖެހި އިރު ހަމަވި އިރު އެކަން އަދި ވަކިގޮތަކަށް ހަމަނުޖެހޭ ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.

މިއަދު ހެނދުނު ސަން އަށް ދެއްވި އިންޓަވިއުގައި ސިޓީ ކައުންސިލްގެ މޭޔަރު މައިޒާން އަލިމަނކު (އަލިބެ) ވިދާޅުވީ މިއަދު ހަވީރު ތިނެއްގެ ކުރިން މަސްވެރިންގެ ޖަމިއްޔާ (ފިޝަމަން ޔޫނިއަނުން) އިން އެ މައްސަލާގައި ސިޓީ ކައުންސިލަށް ޖަވާބެއް ދެއްވާނެ ކަމަށެވެ.

ނަމަވެސް ފަހުން އަލިބެ ވިދާޅުވީ އެފަރާތާ އަދި ބައްދަލު ނުކުރެވޭ ކަށެވެ.

"އަދި މިވަގުތު އެމީހުންނާއި [ފިޝަމަން ޔޫނިއަނުން]ބައްދަލެއްނުވޭ. ތިކަމާ ގުޅިގެން ވަކިޖަވާބެއް މިހާރު ދެވޭކަށް ނެތް. ފަހުން ވަކިއެއްޗެއް އަންގާނަން،" އަލިބެ ވިދާޅުވި އެވެ.

އަލިބެ މީގެކުރިން ދެއްވި އިންޓަވިއުއްގައި މިއަދު ވިދާޅުވީ ބޮޑުފާލަމުގެ ހުޅަނގު ސަރަހައްދުގައި އޮޑިފަހަރު އެޅުމުގެ ހުއްދަ ސިޓީ ކައުންސިލުން މަސްވެރިންނަށް ނުދޭނެ ކަމަށާއި މިއަދު ހަވީރު ތިނެއްގެ ކުރިން މަސްވެރިންގެ ޖަމިއްޔާ (ފިޝަމަން ޔޫނިއަނުން) އިން އެ މައްސަލާގައި ޖަވާބެއް ދޭނެ ކަމަށް އެއްބަސްވެފައިވާ ކަމަށެވެ.


"އެމީހުން ޖަވާބު ދޭގޮތުން އެނގޭނީ އަމަލު ކުރާނެ ގޮތެއް. އަޅުގަނޑުމެން ވާނީ ފުނަދޫ ބަނދަރާއި ދޫނިދޫ ބަނދަރުގައި މަސްއޮޑިފަހަރު ވަގުތީ ގޮތުން އެޅޭނެ ގޮތް ހަމަޖައްސާފައި،" އަލިބެ ވިދާޅުވި އެވެ.

އަލިބެ އަދި ވިދާޅުވީ މިހާރު މަސްދޯނިފަހަރު އެޅުމަށް މާރުކޭޓްގެ ހުޅަނގު ސަރަހައްދުން ޖާގަ ދީފައިވާ ކަމަށާއި އެ ތަނުގައި ހުރި އައްޑޫ ބޯޓްފަހަރު އެތަނުން ނަގައި އެމްޕީއެލް ސަރަހައްދަށް ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް ޓަކައި އެމްޕިއެލް ސަރަހައްދުން ޖާގަހޯދުމަށް މީހާރު އެމްޕީއެލުގައި އެދިފައިވާނެ ކަމަށެވެ. އޭރުން މާރުކޭޓްގެ ހުޅަނގު ސަރަހައްދުގައި މަސްވެރިންނަށް އޮޑިފަހަރު އެޅުމުގެ އިންތިޒާމް ހަމަޖެހޭނެ ކަމަށް އަލިބެ ވިދާޅުވި އެވެ.

"ކޮންމެ ގޮތެއް ވިޔަސް އެއް ނަންބަރު ސަރަހައްދު [ބޮޑުފާލަމުގެ ހުޅަގު ސަރަހައްދު] އޮޑިފަހަރު އެޅުމަށް މަސްވެރިންނަކަށް ޖާގައެއް ނުދެވޭނެ."