ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯޯގެ އަނބިކަނބަލުން ސޯފީ ގްރެގްއާއަށް ކޮރޯނާވައިރަސް ޖެހި، ކަރަންޓީނުކޮށްފި އެވެ.

ބޮޑިވަޒީރުގެ އޮފީހުން ހާމަކުރި ގޮތުގައި، ކޮރޯނާވައިރަސްއަށް އަނބިކަނބަލުން ސޯފީ ޓެސްޓްކުރީ މިދިޔަ ބުދަ ދުވަހުގެ ރޭ އިނގިރޭސިވިލާތުގައި އޮތް ހަފްލާއެއްގައި ބައިވެރިވެ ވަޑައިގަތުމަށް ފަހު އެނބުރި ވަޑައިގަތް ފަހުން ހުމާއި ރޯގާގެ އަލާމާތްތަކެއް އެކަމަނާގެ ކިބައިން ފެންނަން ފެށުމުންނެވެ. އަދި އެ ޓެސްޓުން ދެއްކީ އެކަމަނާ ވައިރަހަށް ޕޮޒިޓިވް ކަމަށް ބޮޑުވަޒީރުގެ އޮފީހުގެ ބުންޏެވެ.

އެ އޮފީހުން ބުނީ، ފަސްޓްލޭޑީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވުމާ އެކު މިހާރު އެކަހެރިކޮށްފައިވާ ކަމަށެވެ. ޓްރޫޑޯޯ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަނބިކަނބަލުންގެ ހާލުކޮޅު ރަނގަޅު ކަމަށާއި ޑޮކްޓަރުންގެ ލަފާގެ މަތިން އަމަލު ކުރަމުން އަންނަ ކަމަށެވެ.

އަނބިކަނބަލުންނަށް ކޮރޯނާވައިރަސް ޖެހިފައިވާކަން ކަށަވަރު ވުމާ އެކު، ބޮޑުވަޒީރު ޓްރޫޑޯވަނީ އޮފީހަށް ވަޑައިނުގެން 14 ދުވަސް ވަންދެން ގޭގައި އަމިއްލަފުޅަށް އެކަހެރިވެ ވަޑައިގަންނަވަން ނިންމަވައިފަ އެވެ.

ބޮޑުވަޒީރުގެ އޮފީހުން ބުނީ ޓްރޫޑޯގެ ފަރާތުން ކޮރޯނާވައިރަހުގެ އެއްވެސް އަލާމާތެއް އަދި ފެނިފައި ނުވާ ކަމަށާއި އެހެންވެ، އެ ބައްޔަށް ޓެސްޓް ނުހަދާ ކަމަށެވެ. ނަމަވެސް ބޮޑުވަޒީރުގެ ހާލުކޮޅު ޑޮކްޓަރުން ކައިރިން ބަލަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

ޑޮކްޓަރުންނާ ހަވާލާދީ ބޮޑުވަޒީރުގެ އޮފީހުން ބުނީ، މިފަހުން ބޮޑުވަޒީރު ޓްރޫޑޯއާ ބައްދަލުވެ ވަޑައިގެން ބޭފުޅުންނަށް ކޮރޯނާވައިރަސް ޖެހުމުގެ ފުރުސަތެއް ނެތް ކަމަށެވެ. ގޭގައި ހުންނަވާ 14 ދުވަހު ތެރޭގައި ޓްރޫޑޯ ގެންދަވާނީ އޮފީހުގެ މަސައްކަތްތައް ކުރައްވައި ޒިންމާތައް އަދާކުރައްވަމުން ކަމަށް ވެސް ބޮޑުވަޒީރުގެ އޮފީހުން ބުންޏެވެ.

އައިސޮލޭޝަންއަށް ވަޑައިގެން ފަހުން އަނބިކަނބަލުން ސޯފީ އާންމު ކުރެއްވި މެސެޖެއްގައި ވިދާޅުވީ، އެކަމަނާއަށް ވައިރަހުގެ ސަބަބުން އުނދަގޫތައް އިހުސާސްކުރައްވަން ޖެހިވަޑައިގެންފައިވާ ކަމަށާއި ނަމަވެސް ވަރަށް އަވަހަށް އާލާސްކަންފުޅުން ރަނގަޅުވާނެ ކަމުގެ އުންމީދުއާ ކުރައްވާ ކަމަށެވެ. އަދި އެވައިރަހުގެ ޝިކާރައަކަށް ވެފައިވާ އެންމެހާ ފަރާތްތަކަށް އެކަމަނާ ވަނީ ހަމްދަރުދީ ފާޅުކުރައްވައި، އަވަސް ޝިފާއަކަށް އެދިވަޑައިގެންފަ އެވެ.

ގޭގައި ހުންނަވައިގެން ވެސް ބޮޑުވަޒީރު ޓްރޫޑޯ ވަނީ ދުނިޔޭގެ ލީޑަރުންނާ ފޯނުން ވާހަކަފުޅު ދައްކަވައި ކެބިނެޓްގެ ބައްދަލުވުންތައް ވެސް ޗެއާ ކުރައްވައިފަ އެވެ.