13 Mar 2020, 09:57
ގއ. އަތޮޅު ހޮސްޕިޓަލަށް މިއަދު ފަތިހު ގެންދިޔަ ޒުވާނަކު މަރުވެފައި އޮތް މައްސަލައާ ގުޅިގެން ބަޔަކު ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މިއަދު ފަތިހު 5:00 ހާއިރު ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ޒުވާނަކު، މަރުވެފައި އޮތް މައްސަލައެއް އެ ހޮސްޕިޓަލުން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މަރުވެފައި ވަނީ 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށެވެ.
އެގޮތުން މައްސަލައާ ގުޅުން ހުރި ބަޔަކު ހައްޔަރު ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި، އެ ޒުވާނާގެ ހޮސްޕިޓަލަށް ގެންދިޔަ މީހުން ވަނީ އެ ޒުވާނާގެ މަރާގުޅޭ ގޮތުން ދޮގު ހަދައިފަ އެވެ. އެނގިފައިވާ ގޮތުގައި އެޒުވާނާ މަރުވި ކަމަށް ޝައްކުވަނީ އޯވަޑޯޒް ވެގެންނެވެ. އެހެން ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔަ މީހުން އޭނާ މަރުވީ ފީނަން ގޮސް އުޅުމުގެ ތެރޭގައި ކަމަށް ބުނެ، ދޮގު މައުލޫމާތު ދިން ކަމަށް ބައެއް މީހުން ސަންއަށް ބުންޏެވެ.
އެކަމާ ގުޅިގެން ފުލުހުން އަދި އެއްޗެއް ނުބުނެ އެވެ.