ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ރާއްޖޭގައި ފެތުރިގެން ނުދިޔުމަށް އަޅަމުން އަންނަ ފިޔަވަޅުތަކުގެ ދަށުން، އެކްސްކާޝަންތަކަށް ޓޫރިސްޓުން މާލެ ގެނައުން މަނާކޮށްފި އެވެ.

މުޅި ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިރޭ އާންމުކުރި ހެލްތް ޕްރޮޓެކްޝަން (އެޗްޕީއޭ)ގެ އެންގުމުގައި ބުނެފައި ވަނީ ރިސޯޓްތަކާއި ގެސްޓްހައުސްތައް އަދި ސަފާރީތަކުން އެކްސްކާޝަންއަށް މާލެއަށް ޓޫރިސްޓުން ގެނައުން މިވަގުތަށް މަނާކުރަން ނިންމާފައިވާ އަދި އެކަން މަނާކުރީ ކުރިއަށް އޮތް 10 ދުވަހުގެ މުއްދަތަށް ކަމަށް އެޗްޕީއޭގެ އެންގުމުގައިވެ އެވެ.

މީގެ އިތުރުން، އެޗްޕީއޭއިން މިއަދު ވަނީ މާލޭގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ އެހެން ރަށްރަށަށް ވެސް ޓޫރިސްޓުން އެކްސްކާޝަންތަކަށް ގެންދިޔުން ވެސް ވަގުތީ ގޮތުން މަނާކޮށްފަ އެވެ. އަދި ރަށްރަށުގައި ތިބޭ ޓޫރިސްޓުން ރިސޯޓްތަކާއި ސަފާރީތަކަށް ގެންދިޔުން ވެސް ވަނީ މަނާކޮށްފަ އެވެ.

ކޮރޯނާވައިރަސް ޖެހިފައިވާ، އަށް މީހެއް މިހާތަނަށް ރާއްޖެއިން ވަނީ ފެނިފަ އެވެ. އެ މީހުންގެ ތެރޭގައި ހިމެނެނީ ރިސޯޓްތަކުގައި ޗުއްޓީ ހޭދަކުރަން ތިބި ޓޫރިސްޓުންނާއި އެ ރިސޯޓްތަކުގެ ބައެއް ބިދޭސީ މުވައްޒަފުންނެވެ.

ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމުގެ ގޮތުން ސްކޫލްތައް ހުޅުވުން މި މަހުގެ 22 ވަނަ ދުވަހަށް މިހާރު ވަނީ ލަސްކޮށްލައިފަ އެވެ. އަދި ޖުމްހޫރީ މައިދާން ހިމެނޭ ގޮތުން، މާލޭގެ ހުރިހާ ޕާކްތަކާއި ޖުމްހޫރީ މައިދާން ވެސް ސިޓީކައުންސިލުން މިހާރު ވަނީ ބަންދުކޮށްފަ އެވެ.

މާދަމާގެ ހުކުރު ހުތުބާ އާއި ނަމާދުވެސް ވީހާވެސް ކުރުކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.