12 Mar 2020, 23:43
ކޮވިޑް-19 އާ ގުޅިގެން ޗައިނާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ދެގައުމުގެ ދެމެދުގައި މަޝްވަރާތައް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފިއެވެ.
ޗައިނާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުޅުމުން ސަރުކާރުން އެކަމަށް ދެކޮޅު ހަދާފައިވާ ކަމަށް ބުނެ މިއަދު ވަނީ ވާހަކަތަކެއް ދެކެވިފައެވެ. އެކަމާ ގުޅިގެން ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވީ ރާއްޖެއާއި ޗައިނާއިން ދަނީ އެކީގައި މަސައްކަތްކުރަމުން ކަމަށެވެ.
ކޮވިޑް19 އާއި ގުޅިގެން ސަރުކާރުން ކަނޑައަޅާފައި ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު މިރޭ ވިދާޅުވީ ދެގައުމުގެ ދެމެދުގައި ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތައް ބެލުމުގެ މަސައްކަތް މިހާރުވެސް ދަނީ ޗައިނާއާއި ރާއްޖެއިން ކުރަމުން ކަމަށެވެ.
މަބްރޫކް ވިދާޅުވީ ރާއްޖޭގެ ފޮރިން މިނިސްޓްރީއިންވެސް ޔަގީންކަން ދެނީ ދެގައުމުގެ ދެމެދުގައި މަޝްވަރާތައް ކުރަމުންދާ ކަމަށެވެ.
އެގޮތުން މިހާރުވެސް އެކި ގައުމުތަކާ ގުޅުން ބަދަހިކޮށް އެހީތެރިކަން ހޯދުމުގައި ސަރުކާރުން މަޝްވަރާކުރަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ސަރުކާރުން ދަނީ ވަރަށް ގާތުން ބައެއް ތަފާތު ގައުމުތަކާއެކު މުވާސަލާތުކުރަމުން. އަޅުގަނޑުމެން މި ތިބީ އެއްވެސް ބައެއް ފޯރުކޮށްދޭ އެހީއަކަށް ދެކޮޅު ހަދާކަށް ނޫން،" މަބްރޫކް ވިދާޅުވިއެވެ.