11 Dec 2011, 17:07
ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޕީޕީއެމްގެ ދެ ވަނަ އާންމު ޖަލްސާ އަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފޮނުއްވެވި ޚިތާބުގައި ރާއްޖޭގެ ކޮރަޕްޝަން ނައްތާލެވޭނީ ސަރުކާރުގެ ފިއްތުންތަކާއި ބިރުދެއްކުންތަކުން އެންޓި ކޮރަޕްޝަން ކޮމިޝަން ]އޭސީސީ[ ސަލާމަތްވެ މިނިވަން ވުމުން ކަމުގައި ވިދާޅުވެފައި ވާތީ އޭސީސީ އިން އެކަން ކުށްވެރިކޮށްފި އެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ ސޮއިކުރައްވައި މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މައުމޫން އެފަދަ ގޮތަކަށް ވިދާޅުވުމަކީ ރައްޔިތުންގެ ކުރިމަތީގައި އެ ކޮމިޝަންގެ ގަދަރާއި އިޚުތިރާމް ކުޑަވެގެން ދާނެ ކަމެއް ކަމަށެވެ.
އޭސީސީގެ ބަޔާނުގައި ވަނީ އެ ކޮމިޝަނަކީ ގާނޫނު އަސާސީން ބާރުލިބިގެން އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުއާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ވަކި ސިއްކައެއް އޮންނަ މިނިވަން ގާނޫނީ ޝަހްސެއް ކަމަށެވެ.
ކޮމިޝަނުން އަބަދު ވެސް މަސައްކަތް ކުރަމުންގެން ދަނީ ވަކިފަރާތަކަށް ބުރަނުވެ މިނިވަންކަމާއި މުސްތަގިއްލުކަމާ އެކު ގާނޫނު އަސާސީ އާ އެއްގޮތްވާ ގޮތުގެމަތިން ކަމަށާއި ކޮމިޝަންގެ ގާނޫނީ ވާޖިބު އަދާކުރުމުގައި މިހާތަނަށް ސަރުކާރު އަދި އެނޫން ވެސް ފަރާތެއްގެ ނުފޫޒެއް ކުރިމަތި ވެފައި ނުވާކަމަށެވެ. އަދި ކޮމިޝަންގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް ފަރާތެއްގެ ބިރުދެއްކުމެއް ކުރިމަތިވެފައި ނުވާކަމަށް ވެސް އޭސީސީގެ ބަޔާނުގައިވެ އެވެ.
ރައްޔިތުންގެ ހިތްތަކުގައި އެ ކޮމިޝަނާ މެދު ސުވާލުއުފެދޭ ފަދަ ހަގީގަތެއް ނެތް ވާހަކަތައް އެއްވެސް ފަރާތަކުން ނުދެއްކުމަށް ވެސް އޭސީސީން ވަނީ އިލްތިމާސްކޮށްފަ އެވެ.