23 Jun 2010, 14:54
19:00
ޞިއްޙީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާބެހޭގޮތުން ދިވެހި ސަރުކާރާއި އިޓަލީވިލާތުގެ އަބްރުޓްޒޯ ސަރަޙައްދުގެ ޞިއްޙަތާބެހޭ ޑިޕާޓްމަންޓާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވައިފި އެވެ.
މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިޓަލީވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކަމަށާއި ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ނަސީމް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި، އަބްރުޓްޒޯ ސަރަޙައްދުން ރާއްޖޭގެ ތެލެސީމިއާ ކުދިންނަށް ފަރުވާ ހޯދައިދިނުމަށް ކުރަމުން ގެންދާ މަސައްކަތްތަކާއި ދެމުންގެންދާ އެހީތައް ފާހަގަކުރައްވައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރުއަދާކުރެއްވި އެވެ.
މިއެއްބަސްވުމުގެ ދަށުން ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށާއި ތަރައްޤީކުރުމަށް އޮނިގަނޑެއް ބިނާކުރުމުގައި އަބްރުޓްޒޯ ސަރަޙައްދުގެ ޞިއްޙަތާބެހޭ ޑިޕާޓްމަންޓްގެ އެހީތެރިކަން ރާއްޖެއަށް ލިބޭނެ އެވެ. އަދި ވަކިން ޚާއްޞަކޮށް ތެލެސީމިއާ އޮޕަރޭޝަންތަކަށް މިއެއްބަސްވުމުގެ ދަށުން ޙާއްސަ ސަމާލުކަމެއް ދެވޭނެ ކަމަށާއި މި އެއްބަސްވުމުގެ މުއްދަތަކީ 3 އަހަރު ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.
ޞިއްޙީ ދާއިރާގައި ހަރަކާތްތެރިވާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެއް ކަމުގައިވާ "އައި.އެމް.އީ. ފައުންޑޭޝަން"ގެ ރައީސް މާރިއޯ މަރައްޒިއްޓީއާވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ބައްދަލުކުރެއްވި އެވެ.
މިބައްދަލުކުރެއްވުމުގައި "އައި.އެމް.އީ. ފައުންޑޭޝަންގެ ފަރާތުން ތެލެސީމިއާ ކުދިންނަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޚާއްޞަ ސެންޓަރެއް ރާއްޖޭގައި ގާއިމްކުރުމާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި މަރައްޒިއްޓީއާ ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިޓަލީވިލާތުގެ ރޯމަށް ވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.