ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ސެލްފް އައިސޮލޭޝަން ނޫނީ އަމިއްލަފުޅަށް ގޭގައި އެކަހެރިވެވަޑައިގެންފި ކަމަށް ބޮޑުވަޒީރުގެ އޮފީހުން ހާމަކޮށްފި އެވެ.

ޓްރޫޑޯގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، އެމަނިކުފާނު ސެލްފް އައިސޮލޭޝަނަށް ގޭގައި މަޑުކުރައްވަން ނިންމެވީ، ކޮރޯނާވައިރަހަށް ޝައްކުވާ ފަދަ އަލާމާތްތަކެއް އަނބިކަނބަލުން، ސޯފީ ގްރެގްވާ ފަރާތުން ފެނުމާ ގުޅިގެންނެވެ. އަދި ޓްރޫޑޯ އަނބުރާ އޮފީހަށް ނިކުންނަވަން ފަށާނީ، އަނބިކަނބަލުން ސޯފީ ކޮރޯނާވައިރަހަށް ޓެސްޓްކޮށް ނަތީޖާ އަންނަ ގޮތަކުން ކަމަށް ވެސް އެ އޮފީހުން ވަނީ ހާމަކޮށްފަ އެވެ.

"މި މުއްދަތުގައި ބޮޑުވަޒީރު ގޭގައި ހުންނަވައިގެން މަސައްކަތް ކުރައްވަން ވަނީ ހަމަޖެހިފައި. އަދި މިއީ ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅެއް،" ޓްރޫޑޯގެ އޮފީހުން ނެރުނު ބަޔާނުގައި ބުންޏެވެ.

އެ އޮފީހުން އިތުރަށް ބުނީ، އަނބިކަނބަލުން ސޯފީގެ ފަރާތުން ރޯގާގެ އަލާމާތްތައް ފެންނަން ފެށީ، އިނގިރޭސިވިލާތުގައި އޮތް ހަފްލާއެއްގައި ބައިވެރިވެ ވަޑައިގަތުމަށް ފަހު، އެނބުރި ވަޑައިގެން ފަހުން ކަމަށެވެ. އެގޮތުން، ހުން އައުން ފަދަ އަލާމާތްތަކެއް އެކަމަނާގެ ކިބައިގައި ހުރި ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އިނގިރޭސިވިލާތުގައި ވެސް ދަނީ، ވަރަށް ބާރުމިނުގައި ކޮރޯނާ ވައިރަސް ފެތުރެމުންނެވެ. އަދި ކެނެޑާގައި ވެސް، 103 މީހަކަށް އެ ވައިރަސް ޖެހިފައިވެ އެވެ.