12 Mar 2020, 21:37
ކޮރޯނާވައިރަސް ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުގައި، ރިސޯޓްތަކާއި ސަފާރީތަކުން، ޓޫރިސްޓުން އެކްސްކާޝަނަށް ރަށްރަށް ގެންދިޔުން މިވަގުތަށް މަނާކަމެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ.
އެޗްޕީއޭއިން ބުނީ، ކޮރޯނާވައިރަހާ ގުޅިގެން، މީހުން ދިރިއުޅޭ ރަށްރަށަށް ޓޫރިސްޓުން އެކްސްކާޝަނަށް ގެންދިޔުމާ އަދި މީހުން ދިރިއުޅޭ ރަށްރަށުން ޓޫރިސްޓުން ރިސޯޓްތަކަށާއި ސަފާރީތައް ފަދަ ތަންތަނަށް ގެންދިއުން މިރެއިން ފެށިގެން ހުއްޓާލުމަށް އަންގާ ކަމަށެވެ.
"މިހާލަތުގައި، މިބަލި ކޮންޓްރޯލް ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަށް އާއްމު ފަރުދުންނާއި، ކުންފުނިތަކުންނާއި ފަތުރުވެރިންވެސް ސަމާލުވެ، އެންގުންތަކާއި އެއްގޮތަށް އަމަލު ކުރުމަށް ދަންނަވަމެވެ،" އެޗްޕީއޭއިން ބުންޏެވެ.
ރާއްޖެއިން ކޮރޯނާ ވައިރަސް ޖެހިފައިވާ އަށް މީހަކު ފެނިފައި ވާތީ އެ ވައިރަސް އިތުރަށް ފެތުރުން ހުއްޓުވުމުގެ ގޮތުން މިއަދު ސަރުކާރުން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މުޅި ރާއްޖެއަށް އިއުލާންކޮށްފަ އެވެ.
މި ހާލަތު 30 ދުވަހަށް ދެމިގެންދާއިރު، މި ހާލަތުގައި ހަރުކަށި ފިޔަވަޅުތައް އެޅުމުގެ ބާރު އެޗްޕީއޭއަށް ލިބިގެންވެ އެވެ.