12 Mar 2020, 20:37
ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19އާ ހެދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާ ގުޅިގެން ސްކޫލުތަކުގެ ކިޔެވުން މެދުކަނޑާލާފައިވާތީ ދަރިވަރުންނަށް ޕީއެސްއެމް އަދި ޔޫޓިއުބް މެދުވެރިކޮށް ފިލާވަޅުތައް ލިބޭނެގޮތް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.
މިޑްޓާމް ބްރޭކް އަށްފަހު އަންނަ ހަފްތާ ސްކޫލު ހުޅުވުމަށް ހަމަޖެހިފައިވަނިކޮށް، ސްކޫލުތައް އިތުރު ހަފްތާއަކަށް ބަންދުކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.
އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސްކޫލުތަކުގެ ކިޔެވުން މެދުކަނޑާލާ ދުވަސްތަކުގައި ދަރިވަރުންނަށް ގެއްލޭ ފިލާވަޅުތައް ނަގައިދޭނެ ގޮތްތައް ހަމަޖެއްސުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މިނިސްޓްރީއިން ބުނެފައިވަނީ ދަރިވަރުން އެ މުއްދަތުގެ ފިލާވަޅުތައް ނަގައިދޭނީ ޕީއެސްއެމް އާއި ޔޫޓިއުބްފަދަ ވަސީލަތްތައް މެދުވެރިކޮށްގެން ކަމަށެވެ. އަދި އިންޓަރެކްޓިވް ސެޝަންތައްވެސް ކުރިއަށްގެންދާނެ ކަމަށް މިނިސްޓްރީއިން ބުންޏެވެ.
އިންޓަރެކްޓިވް ސެޝަންތައް ކުރިއަށް ގެންދާނީ އެޑިއުޕޭޖް އާއި ގޫގަލް ކްލާސްރޫމް އަދި ޓެޑްއެޑް ފަދަ ވަސީލަތްތައް މެދުވެރިކޮށްގެން ކަމަށްވެސް އެޑިއުކޭޝަނުން ވަނީ ބުނެފަ އެވެ.
މިނިސްޓްރީއިން ބުނެފައިވަނީ ކިޔެވުމަށް ބޭނުންވާ އިތުރު ރިސޯސްތައް، ގޫގަލް ޑްރައިވް ފަދަ ކްލައުޑް ސާވިސް ބޭނުންކޮށްގެން ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން އެ ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން ދަރިވަރުވަރުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް މިނިސްޓްރީއިން ފާހަގަކުރި އެވެ.
ގްރޭޑް 10 ގައި ކިޔަވާ ދަރިވަރުންނާއި އޭއެސް ލެވެލް އިމްތިހާން ހަދާ ދަރިވަރުންގެ ފިލާވަޅުތައް އަންނަ އާދިއްތަ ދުވަހުން ފެށިގެން އޮންލައިން ހިދުމަތްތަކާއެކު ފޯރުކޮށްދޭން ފަށާނެ އެވެ. އަދި އެހެން ގްރޭޑުތަކުގެ ފިލާވަޅުތައްވެސް މިހާރު ތައްޔާރުކުރަމުންދާ ކަމަށް މިނިސްޓްރީއިން ބުންޏެވެ. ނަމަވެސް އެ ފިލާވަޅުތައް ދޭން ފަށާނެ ދުވަހެއް ހާމަކޮށްފައެއް ނުވެ އެވެ.