ކޮވިޑް-19 ވައިރަސްގެ ފުރަތަމަ ޕޮޒިޓިވް ކޭސް ރާއްޖެއިން ފެނުނު ކުރެއްދު އައިލެންޑް ރިޒޯޓުން 10 މީހެއްގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން މިރޭ ބުނެފައިވަނީ ކުރެއްދު އައިލެންޑް ރިޒޯޓުގައި އެކަހެރި ކޮށްފައި ތިބި 10 މީހެއްގެ ގައިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެންނާތީ އެފަރާތްތަކުގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ބަލި ޖެހިފައިވާ މީހަކު ފެނުނީ ކުރެއްދޫ އައިލެންޑް ރިސޯޓުންނެވެ. އެ ރިސޯޓުން މިހާތަނަށް ހަތަރު މީހަކު ވައިިރަހަށް ޕޮޒިޓިވް ވެފައިވެއެވެ.

ރާއްޖޭގައި މިހާތަނަށް އެ ވައިރަހަށް ޕޮޒިޓިވް އަށް ކޭސް އެއް ފެނިފައިވާއިރު ބާކީ ހަތަރު މީހުންވެސް ފެނިފައިވަނީ ރިޒޯޓުންނެވެ. އެއީ ސޭންޑީ ބަތަލާ އަދި ކުރަމަތި ރިޒޯޓެވެ. އެގޮތުން ބަތަލާ އިން ދެ ފަތުރުވެރިއަކު، ކުރަމަތި އައިލެންޑް ރިސޯޓުން ދެ މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ.

މީގެކުރީން އެ ތިން ރިޒޯޓަށް އަރައި ފޭބުން ވަނީ މަނާކޮށްފައެވެ. އެހެންނަމަވެސް ރެއިން ފެށިގެން ތިން ރިޒޯޓުވެސް ހުޅުވާލާފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެެވެ.

ކުރެއްދޫއިން 10 މީހެއްގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާއިރު އޮބްލޫ ސެލެކްޓް އެޓް ސަންގެލި އިންވެސް އެ ވައިރަސްއަށް ޝައްކު ކުރެވޭ ދެ މީހެއްގެ ސާމްޕަލް ނެގުމުގެ މަސައްކަތް ދަނީ މިހާރު ކުރަމުންނެވެ.