13 Mar 2020, 09:49
ދެހާސް އަށާރަ ވަނަ އަހަރު ނެރުނު ހިޓް ފިލްމު "އަ ކުއައެޓް ޕްލޭސް" ގެ ސީކުއަލް މި މަހު ނެރުމަށް ނިންމައިފި އެވެ.
މި މަހު 20 ވަނަ ދުވަހު އެ ފިލްމު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނައިރު މި ފިލްމުގެ ދެވަނަ ބައި ފަށަނީ ފިލްމުގެ ފުރަތަމަ ބައި ނިމުނު ހިސާބުން ފެށިގެންނެވެ. އެމިލީ ބްލަންޓް ލީޑް ރޯލުން ފެނިގެންދާ ސައިންސް ފިކްޝަން ފިލްމުގެ ޓްރެއިލާ ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.
އަ ކުއައެޓް ޕްލޭސްގައި ފެނިގެންދަނީ އޭލިއަން ފަދަ ތަކެތި ދުނިޔެއަށް އައިސް އުޅޭ ތަނެވެ. އަދި އެތަކެތިން ސަލާމަތްވުމަށްޓަކައި މީހުން ދިރިއުޅެމުންދަނީ އެއްވެސް ކަހަލަ އަޑެއް ނުލައްވަ އެވެ.
އެތަކެއްޗަކީ ފަސޭހައިން އެކި އެއްޗެހީގެ އަޑު އިވޭ އޭލިއަންތަކެކެވެ. އެގޮތުން ދެވަނަ ފިލްމުގައި ފެންނާނީ ފިލްމުގެ ލީޑް ކެރެކްޓަރު އޭނާގެ ދަރިންތައް ގޮވައިގެން ރައްކާތެރިކަން ހޯދުމަށް އެހެން ސަރަހައްދަކަށް ދާ ތަނެވެ. އަދި އެ ދަތުރުގެ ތެރޭގައި އެހެން ބަޔަކާ ދިމާވާ މަންޒަރުވެސް ދެވަނަ ފިލްމުން ފެނިގެންދާނެ އެވެ.
ފިލްމުގެ ސީކުއަލް ވެސް ޑައިރެކްޓްކުރާނީ ފުރަތަމަ ބައި ޑައިރެކްޓްކުރި ޖޯން ކްރަސިންސްކީ އެވެ.