ކޮވިޑް-19 ގެ މައްސަލައިގައި ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާ ގުޅިގެން ޖަލުތަކުގައި ތިބި ގައިދީންގެ ރައްކާތެރިކަމަށް އާއިލީ އަދި އެކަހެރި ބައްދަލުވުންތައް ވަގުތީގޮތުން މެދުކަނޑާލުމަށް ނިންމައިފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި 30 ދުވަހުގެ ސިއްހީ ކުއްލި ހާލަތު އިއުލާނުކުރުމާ ގުޅިގެން ޖަލުތަކުގެ ގައިދީންނާއި އެތަންތަނުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ރައްކާތެރިކަމަށް ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

އެގޮތުން ބައްދަލުވުންތައް މެދުކަނޑާލުމަށް ނިންމާފައިވާއިރު، އާއިލާގެ ފަރާތުން ގައިދީންނަށް އަންނައުނު ފޯރުކޮށްދިނުންވެސް ވަނީ ވަގުތީގޮތުން މެދުކަނޑާލާފައި ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

ކަރެކްޝަންސް އިން ބުނެފައިވަނީ، މިފަދަ ނާޒުކު ދަނޑިވަޅެއް ނަމަވެސް އާއިލާއާއި ގައިދީންނާ އޮންނަ ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން ފޯނު ކޯލުތަކަށް މިހާރު ފޯރުކޮށްދެމުންދާ މިންވަރު އިތުރުކުރާނެ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

ރޯގާ ޖެހިފައިވާ ގައިދީން މިދަނޑިވަޅުގައި ކޯޓަށް ހާޒިރު ނުކުރަން އަންގާފައިވާ ކަމަށް ކަރެކްޝަނަލް ސާވިސް ވަނީ ދާދި ފަހުން އާންމުކޮށްފައެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު މީގެކުރީން ވިދާޅުވީ ގައިދީންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ހައްލު ހޯދުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކާ މަޝްވަރާކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.