13 Mar 2020, 09:37
ބޮލީވުޑްގެ މިހާރުގެ އެންމެ ޑިމާންޑް ބޮޑު ބަތަލު ކާތިކް އާރްޔަން އަށް ކަރަން ޖޯހަރުގެ ފިލްމު ކުންފުނި ދަރްމާ ޕްރޮޑަކްޝަންސްގެ ފިލްމެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިއްޖެ އެވެ.
ހަބަރުތައް ބުނާގޮތުގައި ކަރަން ވަރަށް އަވަހަށް މި ފިލްމު ރަސްމީކޮށް އިއުލާންކުރާނެ އެވެ. މިހާތަނަށް ނަން ހާމަކޮށްފައިނުވާ އެ ފިލްމަކީ ޝަޝަންކް ކައިތަން ޑައިރެކްޓް ކުރާ ފިލްމެކެވެ. އެ ފިލްމަކީ ލޯބީގެ ފިލްމެކެވެ. މިއަހަރު ފަހުކޮޅު ޝޫޓްކުުރުމަށް ހަމަޖެހިފައިވާ އެ ފިލްމުގެ މަންޒަރުތައް ނަގާނެ އަވަށްތައް ފަހުން އިއުލާންކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ކާތިކް މިހާރު އަންނަނީ ކަރަންގެ "ދޯސްތާނާ-2"ގެ ޝޫޓިންގެ މަސައްކަތް ކުރަމުންނެވެ. އަދި ބޫލް ބުލައްޔާ-2 ގެ މަސައްކަތްވެސް ކާތިކް އަންނަނީ މިހާރު ކުރަމުންނެވެ.
ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެދީފައިވާ ކާތިކް އަށް މިދުވަސްވަރަކީ ވަރަށް ބިޒީ ދުވަސްކޮޅެކެވެ. "ސޯނޫ ކޭ ޓީޓޫ ކީ ސްވިޓީ" އިން ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލު ކަމެއް ހޯދި ކާތިކް އަށް ބޮލީވުޑުން މިހާރު އަންނަނީ ގިނަ ފުރުސަތުތަކެއް ލިބެމުންނެވެ.