ބައިނަލްއަގްވާމީ އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން ސެންޓާ ފޯ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީސް ކޮންޓްރޯލް (ސީސީއެޗްޑީސީން) އާއި ޔޫތު ލައިފް ކެފޭ އަދި ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން އިން އިސްނަގައިގެން އެއިޑްސް ބައްޔާ ދެކޮޅަށް ހިންގި އެއް ހަފްތާގެ ކެމްޕޭން ނިންމާލައިފި އެވެ.

ވެސްޓްޕާކް ސަރަހައްދުގައި ރޭ ބޭއްވި ލެންޓަން ލައިޓް އެރުވުމުގެ ހަފުލާ އިން ހަރަކާތް ނިންމާލާފައި ވަނީ ޝަރަފްވެރި މެހްމާން ސިއްހަތާ ބެހޭ ވަޒީރު ޑރ. އާމިނަތު ޖަމީލް ލެންޓަން ލައިޓް ރޯކޮށް ވައިގެ ތެރެއަށް ދޫކޮށްލުމުންނެވެ. އެ ހަރަކާތުގައި ވަނީ 90 އަށް ވުރެ ގިނަ ލެންޓަން ލައިޓް ދޫކޮށްލުމުގެ އިތުރުން މުނިފޫހިފުލުވުމުގެ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.

ސީސީއެޗްޑީސީން އިން ބުނި ގޮތުގައި ލެންޓެން ދޫކުރުމުގެ ބޭނުމަކީ އެއިޑްސް ޖެހިފައިވާ މީހުންނަކީ ވެސް މުޖުތަމުގެ އެހީ ބޭނުންވާ ބައެއްކަން އަންގައިދިނުމަށް ރަމްޒީ ގޮތުން ކުރި ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އާއްމުންނެކޭ އެއްފަދަ އިން އެމީހުންނަށް ވެސް ހައްގުތަކެއް ލިބިގެންވާ ކަމަށް އެނގިގެންދާނެ ކަމަށް ސީސީއެޗްޑީސީން އިން ބުންޏެވެ.

މި އަހަރުގެ އެއިޑްސް ދުވަހުގެ ޝިއާރަކީ "ލައިޓް ފޯ ރައިޓްސް" އެވެ.

ސީސީއެޗްޑީސީ އިން އިތުރަށް ބުނީ އެއިޑްސް ބައްޔާ ދެކޮޅަށް ޑިސެމްބަރު އެކަކުން ފެށިގެން 10އާ ހަމައަށް ގެންދިޔަ އެއް ހަފްތާގެ ކެމްޕޭނުގައި ގިނަ ހަރަކާތްތަކެއް ހިންގިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެމްއެންޑީއެފްގެ އޮފިޝަލުންނަށް އެއިޑްސްއާ ގުޅޭ ގޮތުން ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ހިންގުނު ކަމަށާއި ހދ. ކުޅުދުއްފުށީގައި ދޮރުން ދޮރަށް އެއިޑްސް އާއި އެޗްއައިވީ އަށް ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކެއްގެ އިތުރުން އާޓިފިޝަލް ބީޗްގައި މިއުޒިކް ޝޯއެއް ވެސް ބޭއްވުނު ކަމަށެވެ.

ދުނިޔޭގެ އެއިޑްސް ދުވަހަކީ ޑިސެމްބަރު 1 ވަނަ ދުވަހެވެ.