ބެއިޖިން (މާޗް 12): ދުނިޔޭގައި މިހާރު ފެތުރިފައިވާ ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް ހުރިހާ ގައުމަކުންވެސް ހަރުދަނާ ފިޔަވަޅުތައް އަޅައިފި ނަމަ، ދުނިޔޭގައި އެ ވައިރަސް ފެތުރުން އަންނަ ޖޫން މަހާ ހަމައަށް ހުއްޓުވޭނެ ކަމަށް ޗައިނާ ސަރުކާރުގެ މުޝީރަކު ލަފާ ކުރައްވައިފި އެވެ.

ޗައިނާގެ ނެޝަނަލް ކްލިނިކަލް ރިސާޗް ސެންޓާ ފޯ ރެސްޕިރޭޓަރީ ޑިޒީސްގެ ޑިރެކްޓަރު ޖޮންގް ނަންޝަން އެފަދައިން ވިދާޅުވީ ކޮރޯނާވައިރަހަކީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ބަލިމަޑުކަމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އިއުލާން ކުރި ފަހުންނެވެ.

އެ ވައިރަސް ދުނިޔޭގައި ފެތުރުން އަންނަ ޖޫން މަހު ހުއްޓުވޭނެ ކަމަށް ޖޮންގް ފުރަތަމަ ވިދާޅުވީ މި މަހުގެ ނުވައެއްގަ އެވެ. އަދި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އޭނާ ވަނީ އެ ވާހަކަ އަނެއްކާވެސް ތަކުރާރު ކުރައްވާފަ އެވެ. ނަމަވެސް ވައިރަހާ ދެކޮޅަށް ހުރިހާ ގައުމަކުންވެސް ފިޔަވަޅު ނާޅައިފި ނަމަ، އެ މުއްދަތުގައި ވައިރަސް ނުހުއްޓުވި ދާނެ ކަންވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"ހުރިހާ ގައުމަކުންވެސް ޑަބްލިއުއެޗްއޯގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކޮށް ގައުމީ ފެންވަރުގައި ފިޔަވަޅު އަޅަން އަޅުގަނޑު ގޮވާލަން. ހުރިހާ ގައުމަކުންވެސް އެގޮތަށް ފިޔަވަޅު އަޅައިފި ނަމަ، އަންނަ ޖޫން މަހާ ހަމަޔަށް ބަލިމަޑުކަން ހުއްޓުވޭނެ. ނަމަވެސް މި ބަލިމަޑުކަން ފެތުރޭ މިންވަރާއި އޭގެ ސަބަބުން ލިބޭ ގެއްލުމަށް ބައެއް ގައުމުތަކުން ސަމާލުކަން ނުދީ، ވަރުގަދަ ފިޔަވަޅުތައް ނާޅާ ނަމަ، ވައިރަސް ފެތުރުން ހުއްޓުވަން ގިނަ ދުވަސް ނަގާފާނެ،" ޖޮންގް ވިދާޅުވި އެވެ.

ޗައިނާ އާއި އިތުރު 16 ގައުމެއްގައި 2002 އާއި 2003އާ ދެމެދު ފެތުރުނު އެހެން ބާވަތުގެ ކޮރޯނާވައިރަހަކުން ޖެހޭ ސާސް ބަލި ކޮންޓްރޯލް ކުރުމުގައި އިސް ދައުރެއް އަދާ ކުރެއްވި ޖޮންގް ވަނީ އަންނަ މަސް ނިމޭ އިރު ޗައިނާގައި ކޮވިޑް-19 ކޮންޓްރޯލް ކުރެވޭނެ ކަމަށް ލަފާ ކުރައްވާފަ އެވެ.

މިދިޔަ ޑިސެމްބަރު މަހު ޗައިނާގެ ވޫހާންއިން ފެނުނު ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އެގައުމުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ވޫހާން އޮންނަ ހޫބެއި ޕްރޮވިންސް އެއްކޮށް ބަންދު ކުރުން ހިމެނެ އެވެ. ނަމަވެސް ފާއިތުވި ދުވަސްތަކުގައި ޗައިނާއިން ކޮންމެ ދުވަހަކު އަލަށް ވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

އެގޮތުން އިއްޔެ ޗައިނާގައި ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ 15 މީހެކެވެ. އޭގެ ތެރެއިން ހޫބެއިގެ ބޭރުން ޕޮޒިޓިވްވީ ހަތް މީހެކެވެ. އަދި ހަ މީހަކަށް ވައިރަސް ޖެހުނީ އެގައުމުން ބޭރުގަ އެވެ.

މީގެ އިތުރުން ޗައިނާގައި 80,793 މީހަކު ވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރެއިން 62،000 އަށް ވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. ކޮރޯނާވައިރަސް ޖެހިގެން ޗައިނާއިން ވަނީ މިހާތަނަށް 3،169 މީހަކު މަރުވެފަ އެވެ.

ޗައިނާގައި ވައިރަސް ޖެހެމުންދާ މީހުންގެ އަދަދު މަދުވި ނަމަވެސް އެހެން ބައެއް ގައުމުތަކުގައި ވައިރަސް ފެންނަ މިންވަރު ވަނީ އިތުރުވެފަ އެވެ.

ޗައިނާއިން ބޭރުގައި ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ އިޓަލީގައި 12،000އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، 827 މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ސަބަބުން އިޓަލީން ވަނީ މުޅި ގައުމު ލޮކްޑައުންކޮށް، ދަތުރުފަތުރު ކޮންޓްރޯލްކޮށް، މީހުން އެއްވެ އުޅުން މަދު ކުރުމުގެ ގޮތުން ހަރުކަށި ފިޔަވަޅުތައް އަޅާފަ އެވެ.