އޮބްލޫ ސަންގެލި ރިސޯޓުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ ދެ މީހެއްގެ ޓެސްޓު ހެދުމަށް ސާމްޕަލް ނެގުމުގެ މަސައްކަތް ފަށައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޮބްލޫ ސަންގެލި ރިސޯޓުން ދެ ބިދޭސީންގެ ކިބައިން ކޮވިޑް-19ގެ އަލާމާތްތައް ފެންނާތީ އެ ފަރާތްތަކުންގެ ސާމްޕަލް ނެގުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.

އަދި ޓެސްޓުގެ ނަތީޖާ ލިބެންދެން އެ ރިސޯޓުގައި މޮނިޓަރިން އަށް ލާފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ކޮރޯނާ ވައިރަސްއަށް ރާއްޖޭގެ ތިން ރިސޯޓަކުން އަށް ބިދޭސީން ވަނީ ޕޮޒިޓިވްވެފަ އެވެ. ރާއްޖެއިން އެންމެ ފުރަތަމަ ބަލި ޖެހިފައިވާ މީހަކު ފެނުނީ ކުރެއްދޫ އައިލެންޑް ރިސޯޓުންނެވެ. އެ ރިސޯޓުން މިހާތަނަށް ހަތަރު މީހަކު ވައިިރަހަށް ޕޮޒިޓިވް ވެފައިވާއިރު ބަތަލާ ރިސޯޓުން ދެ ފަތުރުވެރިއަކު، ކުރަމަތި އައިލެންޑް ރިސޯޓުން ދެ މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. އެ އަށް މީހުންނަކީވެސް ބިދޭސީންނެވެ.

މިހާތަނަށް ކޮރޯނާ ވައިރަސް 125 ގައުމަކުން ފެނިފައިވާ އިރު، އެ ބައްޔަށް 128,058 މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ. ބަލި ރަނގަޅުވި މީހުންގެ އަދަދު 68,337 އަށް އަރާއިރު، މަރުވި މީހުންގެ އަދަދަކީ، 4,717 އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ރޭ ވަނީ ކޮވިޑް-19 އަކީ "ޕެންޑަމިކް" ނުވަތަ މުޅި ދުނިޔެއަށް ފެތުރިފައިވާ ބައްޔެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި އެކަމާ ގުޅިގެން މިއަދު ރާއްޖޭގެ ސަރުކާރުން ވަނީ މުޅި ގައުމުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ.