މުޅިދުނިޔެއަށް ފެތުރެމުން އަންނަ ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ މިހާރުގެ ހާލަތު ބަޔާންކޮށް ރައީސް ސޯލިހު މިއަދު ގައުމާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެންމެ މުހިންމު ކަމަކީ، ރާއްޖޭގެ އިގްތިސާދުގެ މިސްރާބު ސާފު ސީދަލަށް ވިދާޅުވެ ދެއްވުމެވެ. ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ހެދި ދިރާސާތަކުގެ މައްޗަށް ރައީސް ރައްޔިތުންނަށް ދެއްވި އިގްތިސާދީ ހިސާބު ނަމްބަރުތަކުން، ރާއްޖެ "ރިސެޝަން"އަކަށް ހިނގައިދާނެ ކަމުގެ އިޝާރާތް ރައީސް ސޯލިހު މިއަދު ދެއްވި އެވެ.

ވިދާޅުވީ، މިއަހަރުގެ ތެރޭގައި ރާއްޖޭގެ އުފެއްދުންތެރިކަމުގެ ދުވެލި ނުވަތަ ޖީޑީޕީގެ ކުރިއެރުން ހުންނާނެ ކަމަށް މިހާރު ލަފާކުރެވެނީ، 0.5 ޕަސެންޓާއި އާއި މައިނަސް 5.6 ޕަސެންޓާ ދެމެދުގެ ކަމަށެވެ.

މިއަހަރު ފެށުނު އިރު ރާއްޖޭގައި އުފެއްދުންތެރިކަމުގެ ދުވެލި ހުންނާނެ ކަމަށް ލަފާކުރެވިފައި ވަނީ 7.5 ޕަސެންޓްގަ އެވެ.

އިގްތިސާދީ މާހިރުން ވިދާޅުވާ ގޮތުގައި އިގްތިސާދީ ރިސެޝަންއަކީ ޖެހިޖެހިގެން ދެ މަސް ވަންދެން ގައުމީ އުފެއްދުންތެރިކަން، ޖީޑީޕީ ކުރިއަރާ މިންވަރު މައިނަސްގައި ހުރުމެވެ. އޭގެ މާނައަކީ އިގްތިސާދީ ކުރިއެރުން އެއްގޮތަކަށް ވެސް ނެތި ހައްތަހާ ފަހަތަށް ދިޔުމެވެ.

އިގްތިސާދީ ދާއިރާގެ ބޭފުޅުން ވިދާޅުވާ ގޮތުގައި ރައީސްގެ ވާހަކަފުޅުގައި ޖީޑީޕީ ކުރިއަރާ މިންވަރު މައިނަސްގައި ހުންނާނެ ކަމަށް ވިދާޅުވުމުން އެކަމުން ދޭހަކޮށްދެނީ ރާއްޖޭގެ އިގްތިސާދު ރިސެޝަންއަކަށް މިސްރާބު ހުރިކަމެވެ. ރައީސް ސީދާ އެބަސް ބޭނުން ނުކުރެއްވި ނަމަވެސް، އިގްތިސާދަށް ވަރަށް ބޮޑަށް ދަށަށް ދާނެ ކަމަށް ވިދާޅުވި އެވެ.

ރިސެޝަނަކީ ކޮބާ؟

އިގްތިސާދީ މާހިރުން އިގްތިސާދީ ކާރިސާ ނޫނީ ރިސެޝަން މާނަކުރައްވަނީ، އިގްތިސާދީ ހަރަކާތްތައް އިންތިހާއަށް މަޑުޖެހުމުގެ ސަބަބުން މުޅި އިގްތިސާދު ވަޅުޖެހި އާމްދަނީ އާއި ވަޒީފާގެ ބާޒާރާއި އުފެއްދުންތެރިކަން އަދި ރިޓެއިލް ވިޔަފާރި އެތަކެއް މަސްތަކަކަށް ދަށަށްދާ ހާލަތަށެވެ.

އެކިފަހަރު ރިސެޝަން ކުރިމަތިވަނީ އެކި ސަބަބުތަކާ ހުރެ އެވެ. އެހެންވެ، ރިސެޝަންގެ "ޓެކްސްޓްބުކް" ފޯމިއުލާއެއް ނޯންނަ ކަމަށް އިގްތިސާދީ ގިނަ މާހިރުން ވިދާޅުވެ އެވެ.

މިސާލަކަށް؛ މިފަހުން 2008-2009 އެއްގައި ދުނިޔެއަށް ކުރިމަތިވި، "ގްރޭޓް ރިސެޝަން"ގެ ގޮތުގައި މަޝްހޫރުވެފައިވާ މާލީ ކާރިސާގެ އަސްލަކަށްވީ، ހައުސިން މާކެޓަށް ފްލެޓްތައް ނޫނީ އިމާރާތްތައް ގިނަވެ، ހައުސިންގެ އަގު ދަށްވުމުގެ ސަބަބުން ބޭންކުތަކުން ލޯނު ނަގައިގެން އިންވެސްޓް ކުރި މީހުންނަށް އެ ފައިސާ ނުދެއްކި އެތައް ބޭންކެއް ބަނގުރޫޓްވި ހާލަތެވެ. އޭގެ ކުރިން، 2001 ވަނަ އަހަރު އެމެރިކާއަށް ދިން 9/11 ހަމަލާތަކަށް ފަހު ވެސް އިގްތިސާދީ ކާރިސާއަކާ ދުނިޔެއަށް ކުރިމަތިވި އެވެ. ސަބަބަކަށްވީ، އެ ހާދިސާގެ ސަބަބުން މީހުންނަށް ކުރިމަތިވި ބިރާ އެކު، ހޭދަކުރުން ދަށަށް ދިޔުމާއި ދަތުރުކުރުން މަދުވެ، ސިނާއަތްތައް އިނދަޖެހުމެވެ.

އާންމު މީހާއަށް ކޮން އަސަރެއް؟ ހަދާނީ ކިހިނެއް؟

ރިސެޝަންގެ ހާލަތުގައި އިގްތިސާދު އެކީ ވަޅުޖެހިގެންދެ އެވެ. އެތައް ވިޔަފާރިއެއް ހާލަތުން އަރައި ނުގަނެވި، ބަނގުރޫޓްވެ ބަންދުކުރަން ޖެހެ އެވެ. ބޭންކު ލޯނު ނަގައިގެން ފަށާފައިވާ އެތައް ވިޔަފާރިއެއް ބަނގުރޫޓްވެ، ބޭންކުތަކަށް ލޯނު ނުދެއްކި ބޭންކުތައް ވެސް މައްސަލަތަކުގައި ތާށިވެ އެވެ.

ރިސެޝަނެއްގައި އާންމު މީހާއަށް އެންމެ ބޮޑަށް އަސަރު ކުރަނީ، ވިޔަފާރިތައް ބަންދުކުރަން ޖެހުމުން އެތައް ބަޔަކަށް ވަޒީފާ ގެއްލި އާމްދަނީ ނުލިބި މަގުމަތިވާތީ އެވެ. މި ކަހަލަ ހާލަތެއްގައި ކިޔަވައިގެން ނިކުންނަ މީހާވެސް ވަޒީފާ ނެތި އަތްއުރާލައިގެން ހުންނަން ޖެހެ އެވެ.

ނަތީޖާއަކަށް ވަނީ މީހުން އަތުގައި ފައިސާ މަދުވެ ކަންމަތީ ފިހާރަތަކަށް ވެސް ވިޔަފާރި ނުވެ، އެމީހުންގެ އާމްދަނީ ވެސް އަޑިއަޅާލުމެވެ. އަދި ބޭންކުން ލޯނެއް ނަގައިގެން އެޕާޓްމަންޓެއް ނޫނީ ގެއެއް ގަނެފައިވާ ނަމަ، އެ ލޯނު ނުދެއްކި ބޯހިޔާވަހިކަން ގެއްލޭ ހިސާބަށް ވެސް ދެ އެވެ.

އެކަމަކު ކޮންމެ އިގްތިސާދެއްގައި އަދި ކޮންމެ ރިސެޝަނެއްގައި މި ހުރިހާ ކަމެއް އެއް އުސޫލަކުން ނުހިގަ އެވެ. އެކަމަކު މިއާ ވަރަށް އެއްގޮތް ހިތްދަތި އެތައް ކަމެއް އިގްތިސާދުގެ ތެރޭގައި ހިނގައިގެން ދާނެ އެވެ.

ރާއްޖޭގައި ނަމަ، އެންމެ ބޮޑަށް އަސަރު ކުރާނީ ޓޫރިޒަމް ސިނާއަތާއި އެއާ ގުޅިލާމެހިފައިވާ ވިޔަފާރިތަކަށެވެ.

ރައީސް ސޯލިހުގެ އެޑްރެސްގައި ވެސް އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރެއްވީ، މި މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި އެކަނިވެސް، ރާއްޖެ އައި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރާ އަޅައިބަލާއިރު، 22.8 ޕަސެންޓް ދަށަށް ގޮސްފައިވާތީ އެވެ. އަދި ޖަނަވަރީ 26 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 161،740 ބެޑްނައިޓް ކެންސަލްވެފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ.

"މިހާރު ހަދާފައި ހުރި ބުކިންތައް ކެންސަލްވަމުންދާ ނިސްބަތަށް ބަލާއިރު، މިއަހަރުގެ ތެރޭގައި ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު، މިދިޔަ އަހަރާ އަޅައި ބަލާއިރު، 12 އިންސައްތަ އާއި 35 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށަށް ދާނެ ކަމަށް ލަފާކުރެވޭ،" ރައީސް ސޯލިހު ވިދާޅުވެފައިވެ އެވެ.

މިއަހަރު ފެށުނު އިރު އަންދާޒާ ކުރީ، މިއަހަރު ރާއްޖޭގެ ފަތުރުވެރިކަން އަށް ޕަސެންޓް ކުރިއަރާނެ ކަމަށެވެ. އެކަމަކު އެ ކުރިއެރުން ލިބޭނެ އެއްވެސް ގޮތެއް މިހާރުނެތެވެ.

ރާއްޖޭގެ މުޅި އިގްތިސާދުގެ ހުރިހާ ވިޔަފާރިއެއް ގުޅިލާމެހެނީ ޓޫރިޒަމާކަން ހަނދާން ނައްތާ ނުލާށެވެ. އެހެން ކަމުން، ރާއްޖޭގެ ކޮންމެ ވިޔަފާރިއަކުން ވެސް ހަރަދު ކުޑަކުރަން ވިސްނާނެ އެވެ. އޭގެ ސަބަބުން ވަޒީފާ ގެއްލުމުގެ ބިރު ކޮންމެ މީހަކަށް ވެސް އެބަ އޮތެވެ.

އެހެން ވީމާ، އަހަރުމެން ކޮންމެ މީހަކު ބަލަންވީ ވީހާވެސް ބޮޑަކަށް ހަރަދު ކުޑަކުރާށެވެ. އަޗާތެޅުމާއި މަޖާ ނެގުމަށް ކުރާ ހަރަދުތައް މަޑުޖައްސާލާފައި، ކޮންމެހެން އަސާސީ ބޭނުންތައް ފުއްދުމަށް ފައިސާ ރައްކާކުރުމަށެވެ. ދަތި ދުވަސްކޮޅެއްގައި އުޅުމަށް ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށް ހަރަދުކުޑަކުރުމަށް އަމާޒު ހިފަންވީ އެވެ. އެއީ އަމިއްލަ ފަރުދުންގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ޒިންމާ އެވެ.

ހާލަތުން އަރައިގަނެވޭނީ ކޮންއިރަކު؟ ކިހިނެއް؟

އިގްތިސާދީ މާހިރުން ލަފާކުރައްވާ ގޮތުގައި އިގްތިސާދީ ކާރިސާއަކުން އަރައިގަންނަން އެއް އަހަރަށް ވުރެ ދިގު މުއްދަތެއް އެންމެ ކުޑަކޮށް ވެސް ނަގާނެ އެވެ. ސަބަބަކަށްވަނީ އެ ހާލަތު މެދުވެރިވި ސަބަބުން އަރައިގަނެ، ކަންކަން ހަމަޖެހެން މުއްދަތެއް ބޭނުންވާނެތީ އެވެ.

މިފަހަރުގެ ރިސެޝަން މެދުވެރިވަނީ ކޮރޯނާވައިރަހާ ހެދިކަމަށް ވުމުން، އެ ވައިރަހުގެ ކަންކަން ހަމަޔަކަށް އެޅި އެ މުސީބާތުން ދުނިޔެ ސަލާމަތްވެ، ހުއްޓިފައި ހުރި އިގްތިސާދުތައް އަލުން ހިނގައިގަނެގެން ނޫނީ އިގްތިސާދީ ކާރިސާއިން ރާއްޖެއަށް ވެސް އަރައެއް ނުގަނެވޭނެ އެވެ.

ރާއްޖޭގެ ޓޫރިޒަމް ރަނގަޅުވާން އޮތީ، މީހުން ދަތުރުނުކުރުމަށް އޮތް ބިރާއި ރާއްޖޭގައި ޓޫރިސްޓުން އަންނަ މާކެޓްތަކުގެ އިގްތިސާދުތައް ހުއްޓިފައި އޮތް އޮތުން ރަނގަޅުވެގެންނެވެ.

އިގްތިސާދީ ބޭފުޅުން ލަފާކުރައްވާ ގޮތުގައި، މި ހާލަތުން އަރައިގަނެވި އިގްތިސާދުތައް ރަނގަޅުވާން ފަށާނީ 2023 ހިސާބުގަ އެވެ. އެހެން ނަމަވެސް މިއަހަރު ފަހުކޮޅު ޗައިނާ ހަމަޔަކަށް އެޅި އެ ގައުުމުގެ މީހުން، އަންނަ އަހަރު ފެށޭ ހިސާބުގައި ދަތުރު ކުރަން ފެށުމުން ފަތުރުވެރިކަމަށް ކޮންމެވެސް ކަހަލަ ކުރިއެރުމެއް އައުން ގާތް ކަމަށް ބައެއް ފަރާތްތަކުން ލަފާކުރެ އެވެ.

ސަރުކާރުން ކުރަންވީ ކޮންކަމެއް؟

މި ދަނޑިވަޅުގައި ސަރުކާރުތަކަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ، އިގްތިސާދުގައި ދައުރުވާ ފައިސާ އިތުރުކުރުމެވެ. އަދި އިނދަޖެހޭ ވިޔަފާރިތައް ކޮޅަށް ނެގުމަށް އެހީތެރިވުމެވެ. އެގޮތުން، ކޮސްޓް އޮފް ބޮރޯވިން ނޫނީ ބޭންކުތަކުގެ އިންޓަރެސްޓް ރޭޓް ކުޑަކުރުން ފަދަ ކަންތައްތަކުން ވިޔަފާރި ހަރަކާތްތަކަށް އިތުރަށް ފައިސާ އިންޖެކްޓް ކުރެވިދާނެ އެވެ.

މިފަހުން ބީއެމްއެލްއިން އިއުލާންކުރި ވިޔަފާރިތަކުގެ ވޯކިން ކެޕިޓަލްއަށް ރަހުނަކާ ނުލާ ލޯނު ދޫކުރުމުގެ ސްކީމްއަކީ އޭގެ ވަރަށް ރަނގަޅު މިސާލެކެވެ. އޭގެ ސަބަބުން، ވިޔަފާރިތަކުން ލޯނުގެ ގޮތުގައި ފައިސާ ނަގައި އެ މީހުންގެ ވިޔަފާރިތައް ހިފަހައްޓާލަން ބާރަކަށް ވާނެ އެވެ. މިވަގުތުގައި އިންޓަރެސްޓް ރޭޓްތައް ދައްކާކޮށްލައިފި ނަމަ އޭގެ ހެޔޮ އަސަރު މާބޮޑަށް ފެނުމުގެ ފުރުސަތު ބޮޑެވެ.

މީގެ އިތުރުން ކޯޕަރޭޓް ޓެކްސްތައް ކުޑަކުރުމާއި ވިޔަފާރިތަކަށް ދޭ ލުއިތަކުގެ ތެރެއިން ވެސް އިގްތިސާދުގައި ދައުރުވާ ފައިސާ އިތުރު ކުރެވިދާނެ އެވެ. އިގްތިސާދުގެ އިންޖީނު ކުރިއަށް ގެންދިޔުމަށް މިކަހަލަ ފިޔަވަޅުތަކަކަށް ރާއްޖެއިން ވެސް ވިސްނަން ޖެހެ އެވެ.

ރައީސް ސޯލިހު ރައްޔިތުންނާ މުހާތަބު ކުރައްވަމުން ވެސް މިއަދު ވިދާޅުވީ، ރާއްޖޭގެ ވިޔަފާރިތަކަށް މިހާލަތުގައި ދިމާވާނެ ދަތިތަކުން އަރައިގަތުމަށް ރާއްޖޭގައި ހުރި ބޭންކުތަކާއި މަރުކަޒީ ބޭންކް، އެމްއެމްއޭއާ ގުޅިގެން އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ. އަދި ކޭޝްފްލޯ ތާށިކަމުން އަރައިގަތުމަށް، ބޭރުގެ ބޭންކްތަކާއި އަވަށްޓެރި ގައުމުތަކުން ހިލޭ އެހީގެ ގޮތުގައި ފައިސާ ހޯދުމަށް މަސައްކަތް ކުރާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މިފަދަ އެހީތައް ލިބޭނެ ކަމުގެ ފެހިސިގްނަލް މިހާރު ވަނީ ލިބިފައި،" ރައީސް ސޯލިހު ވިދާޅުވި އެވެ.

މީގެ އިތުރުން، އުމްރާނީ މަޝްރޫއުތައް ނޫނީ ޕީއެސްއައިޕީގެ މަސައްކަތްތައް ހުއްޓާނުލުމާއި ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަނުކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމުގެ ސަބަބުން ވެސް، އިގްތިސާދުގައި އެނބުރޭ ފައިސާ އިތުރަށް މަދުނުވެ ހިފެހެއްޓޭނެ ކަމަށް ބެލެވެ އެވެ.

އާމްދަނީއަށް ކޮން އަސަރެއް؟ ވާނީ ކިހިނެއް؟

އިގްތިސާދީ ލޮޅުމުގައި ދިމާވާނެ އެންމެ ބޮޑު ދަތިކަމެއްގެ ގޮތުގައި ރައީސް އެންމެ ބޮޑަށް ފާހަގަ ކުރެއްވީ، މިއަހަރުގެ ތެރޭގައި އާމްދަނީ ލިބޭނެ ކަމަށް ލަފާކޮށްފައިވާ އަދަށް ވުރެ، 2.1 ބިލިއަން ރުފިޔާ އާއި 6.9 ބިލިއަން ރުފިޔާގެ އަދަދެއް ދައުލަތުގެ އާމްދަނީއިން މަދުވުމެވެ.

މިފަހަރުގެ ބަޖެޓްގައި އާމްދަނީ ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 29.2 ބިލިއަން ރުފިޔާ އެވެ. ރައީސް ވިދާޅުވާ ގޮތުން ނަމަ، ދައުލަތުގެ އާމްދަނީ 26.9 ބިލިއަން ރުފިޔާ އާއި 22.3 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ދަށަށްދާނެ އެވެ. އެއާ އެކު ސަރުކާރުން ކުރާ ހަރަދުތަކެއް މަދުކޮށްލަން މަޖުބޫރުވާނެ އެވެ.

ރައީސް ސޯލިހު މިއަދު ވިދާޅުވި ގޮތުގައި، ސަރުކާރު މުވައްޒަފުންގެ މުސާރަ މިހާރު ހުރި ވަރަށް ވުރެ ކުޑައެއް ނުކުރާނެ އެވެ. އެހެން ނަމަވެސް، ސަރުކާރުގެ ދަތުރު ހަރަދުތަކާއި، މަރާމާތުގެ ހަރަދުތައް އަދި އެހެން ވެސް ބައެއް އިދާރީ ހަރަދުތައް ކުޑަކޮށްގެން ގެއްލޭ އާމްދަނީ ފޫބެއްދޭނެ އެވެ. މީގެ ސަބަބުން، އިގްތިސާދުގެ ތެރޭގައި އެނބުރޭ ފައިސާ މަދުވެގެން ދާނެ އެވެ.

"މި ދަތިތައް ކުރިމަތިވިޔަސް، މާތް ﷲގެ ވާގިފުޅާ އެކު ސަރުކާރުން މަސައްކަތް ކުރަމުން މިއަންނަނީ، ރައްޔިތުންނަށް ދެމުން އަންނަ އެއްވެސް ހިދުމަތަކަށް، ހުއްޓުމެއް އަޔަ ނުދިނުމަށް. ރާއްޖޭގެ އެއްވެސް ރަށަކުން ކާޑުގެ ބާވަތްތައް، އިރާދަކުރެއްވިއްޔާ ހުސް ނުވާނެކަމުގެ ޔަގީންކަން ދެން. އެސްޓީއޯ އޮތީ އެކަމަށް ފުރިހަމައަށް ތައްޔާރުވެފައި،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ހަރަދު ކުޑަކުުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން، ސަރުކާރުން ބިލިއަނެއްހާ ރުފިޔާ ސަލާމަތް ކުރަން އަމާޒު ހިފާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރި އަލީ ވަހީދު މިއަދު ވިދާޅުވެފައިވެ އެވެ.

ދުނިޔޭގެ އިގްތިސާދަށް ވަނީ ކިހިނެއް؟

ދުނިޔޭގެ ކުރިއެރުން ދަށަށް ދާނެވަރު. -- ޗާޓް/ ބީބީސީ

ކޮރޯނާވައިރަހާ އެކު، ދުނިޔޭގައި ވެސް އެންމެ ބޮޑަށް އަސަރު ކޮށްފައިވަނީ، ޓޫރިޒަމާއި އޭވިއޭޝަން ސިނާއަތަށެވެ.

ވައިރަހުގައި ޖެހި މުޅި ދުނިޔޭގެ އިގްތިސާދަށް ވެސް ވަނީ ލޮޅުން އަރައިފަ އެވެ. އެގޮތުން މުޅި ދުނިޔޭގެ އިގްތިސާދު ކުރިއަރާ ދުވެލި 2.9 ޕަސެންޓުން 2.4 ޕަސެންޓަށް ދަށްވާނެ ކަމަށް މިހާރު ވަނީ ލަފާކުރެވިފަ އެވެ. އެގޮތުން އެންމެ ބޮޑަށް ގެއްލުންވަނީ، އެއާލައިން އިންޑަސްޓްރީއަށެވެ. އެ އިންޑަސްޓްރީއަށް 29 ބިލިއަން ޑޮލަރުގެ ގެއްލުމާ ކުރިމަތިވާނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ. މިއީ އެތައް ލައްކަ ވަޒީފާއެއް ގެއްލުމެވެ.

މި ނުތަނަވަސްކަމުގެ ދަނޑިވަޅުގައި ރައީސް ސޯލިހު ދެއްވީ އުންމީދެވެ. ވިދާޅުވީ ފަހަތަަށް ނުޖެހި ރޯގާ މައިތިރިކޮށް އިގްތިސާދު ކޮޅަށް ނެގުމުގައި ދެމިހުންނަވާނެ ކަމަށެވެ.

"މިއީ ކަންބޮޑުވެ ހާސްވާންވީ ވަގުތެއް ނޫން. މިއީ ވިސްނުންތެރިކަމާއި ޙިކްމަތްތެރިކަމާ އެކު، ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް، އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު،" މިހާލަތުން އަރައިގަނެވޭނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ސޯލިހު ވިދާޅުވި އެވެ.