ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތައްރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓުލުން އަންނަ މަހު 18 އަށް ފަސްކޮށްފިއެވެ.

ކުރިން އިންތިހާބު ބޭއްވުމަށް ތާވަލް ކޮށްފައިވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހަށެވެ. ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19 ގެ ނުރައްކާ ރާއްޖެއަށް ވެސް ކުރިމަތިވެފައިވާއިރު، އިންތިހާބު ލަސްކުރުމަށް ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

މިއަދު އިލެކްޝަންސް ކޮމިޝަންގެ އިންތިހާބީ މަރުކަޒު، ބާ ޖަމާލުއްދީންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ، ކޮރޯނާ ވައިރަސްއާ ގުޅިގެން މިއަދު ސަރުކާރުން 30 ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާން ކުރުމާ ގުޅިގެން އަންނަ މަހުގެ 18 ވަނަ ދުވަހަށް އިންތިހާބު ފަސް ކުރުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

"އެޕްރީލް މަހު 18 ވަނަ ދުވަހަކީ، ގާނޫނުގައިވާ ގޮތުގެ މަތިން އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާ ގާނޫނީ މުހުލަތުގެ ތެރެއިން ވޯޓުލާ ދުވަސް ފަސް ކުރެވޭނެ އެންމެ ފަހުގެ ތާރީހު،" ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ، އެއަށްވުރެ އިތުރަށް ވޯޓުލުން ފަސްކުރާނަމަ، ދެން ފަސްކުރެވޭނީ ކޯޓުގެ އަމުރަކުން ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސް ކުރާ ގާނޫނަކުން ކަމަށެވެ.

"ސިއްހީ ކުއްލި ހާލަތު 30 ދުވަހަށް އިތުރުކޮށްފިނަމަ، އަޅުގަނޑުމެން އިންތިހާބު ބާއްވަން ކަނޑައެޅީ ތާރީހު [އަންނަ މަހު 18] އެ މުއްދަތު ތެރެެއަށް ވަންނަ ނަމަ، ކޮމިޝަންގެ ފަރާތުން އެކަމަށް ހައްލެއް ހޯދުމަށް ކޯޓަށް ގޮސް ކޯޓުގެ އަމުރަކުން އެކަމަށ ހައްލެއް ގެންނާނަން،" ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ، އިންތިހާބު އަންނަ މަހު 18 ވަނަ ދުވަހާ ހަމަށް ފަސް ކުރުމަށް ނިންމުމާއެކު، ދެން ކުރަން ޖެހޭ ކަންތައް އީސީން ކުރަމުންދާނެ ކަމަށެވެ. އެގޮތުން އެ ދުވަހާ ހަަމަށް 18 އަހަރު ފުރޭ މީހުންގެ ލިސްޓު އެކުލަވާލުމާއި އަލުން ރަޖިސްޓްރޭޝަނަށް ހުޅުވުން ފަދަ ކަންކަން ކުރައްވާނެ ކަމަށެވެ. އަދި އެ މައުލޫމާތު ފަހުން އަރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ، އިންތިހާބު އެ މުއްދަތަށް ފަސްކުރި ނަމަވެސް މާ ބޮޑު ހަރަދެއް ނުހިނގާނެ ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ، އެޕްރީލް މަހުގެ ފުރަތަމަ ހަފްތާއަށް އިންތިހާބު ބޭއްވޭނެ ހާލަތު އޮވެދާނެ ކަމަށް މިވަގުތަށް ލަފާނުކުރެވޭ ކަމަށެވެ. ނަމަވެސް އެކަމުގައި ގޮތެއް ނިންމަވާނީ ކަމާ ބެހޭ ފަރާތްތަކުން ކަމަށް އޭނާ ވިދާޅުވިއެވެ.