12 Mar 2020, 18:14
ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 ނުވަތަ ކޮރޯނާ އާއި ގުޅިގެން ރާއްޖޭގެ ހާލަތު އޮންނަ ގޮތް ރައްޔިތުންނަށް ސިއްރު ނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކޮވިޑް19 އާއި ގުޅިގެން ގައުމާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް މިއަދު ވިދާޅުވީ ބަލިން ރައްކާތެރިވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއި ރާއްޖޭގައި ބަލީގެ ހާލަތު އޮތްގޮތް އެއްވެސް ވަރަކަށް ސިއްރުނުކޮށް ރައްޔިތުންނަށް ހާމަކުރައްވާނެ ކަމަށެވެ.
ކޮރޯނާ އަށް ޕޮޒިޓިވް ވެފައިވާ އަށް މީހަކު މިހާތަނަށް ރާއްޖެއިން ފެނިފައިވާއިރު ރާއްޖޭގައި ޕަބްލިކް ހެލްތް އެމަޖެންސީ ވަނީ އިއުލާނުކޮށްފައެވެ.
ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ވަނީ ވިސްނުންތެރިކަމާއެކު، ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް، އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވައިފައެވެ. ހާއްސަކޮށް މީހުން އެއްވެ ނޫޅުމަށް ރައީސް އެދިލެއްވިއެވެ.
ކޮރޯނާއިން ސަލާމަތްވުމަށް، ސަރުކާރުން ކުރަމުން ދާ މަސައްކަތުގައި ހުރހާ ފަރާތްތަކެއްގެ ބައިވެރިވުމާއި އެއްބާރުލުން ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ. ހާއްސަކޮށް ސިއްހީ ދާއިރާގެ ފަންނީ ބޭފުޅުންގެ އެހީ ބޭނުންވާކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
"މިކަމުގައި ވަރަށް ފުރިހަމަ އެއްބާރުލުމެއް ދޭނެ ކަމުގެ ޔަގީންކަން، ރާއްޖޭގައި މިވަގުތު ހުރި އަމިއްލަ ދެ ހޮސްޕިޓަލުން، އާދެ، އޭޑީކޭ ހޮސްޕިޓަލުންނާއި ޓްރީޓޮޕް ހޮސްޕިޓަލުން ވަނީ ދީފައި،" ރައީސް ވަނީ ކޮރޯނާ އާއި ދެކޮޅަށް ކުރާ ހަނގުރާމާގައި ޑޮކްޓަރުންނާއި ނަރުހުން، އެޗްޕީއޭ، އެންޑީއެމްއޭ އަދި ރެޑްކްރެސެންޓާއި ސިފައިން އަދި ފުލުހުން ކުރާ މަސައްކަޔތް ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު ދަންނަވައިފައެވެ.
ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ބޮޑު ހީނަރު ކަމެއް އަންނާނެކަން ރައީސް މިއަދު އިއުލާނު ކުރެއްވިއެވެ.