12 Mar 2020, 18:10
ބެއިޖިން (މާޗް 12): ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހާ ގުޅިގެން، ޗައިނާގެ ވެރިރަށް ބެއިޖިންއަށް ބޭރު ގައުމުތަކުން ދާ މީހުން 14 ދުވަހަށް ކަރަންޓީނު ކުރަން އެސިޓީން ފަށައިފި އެވެ.
ބެއިޖިންއިން އެ ފިޔަވަޅު އަޅާފައި ވަނީ ޗައިނާއިން ބޭރުން ވައިރަސް ޖެހިފައިވާ މީހުން އެގައުމަށް އަންނަން ފެށުމުންނެވެ. އެގޮތުން އަންގާރަ ދުވަހު ބެއިޖިންގައި ހަ މީހަކު ވައިރަހަށް ޕޮޒިޓިވްވި އިރު އެ އެންމެންނަކީވެސް ބޭރު ގައުމުތަކުން ދިޔަ މީހުންނެވެ.
މީގެ އިތުރުން މިއަދު ޗައިނާގެ ހެލްތު އޮފިޝަލުން ވަނީ މިހާރު އެގައުމުގައި ތިބި ވައިރަހަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން 85 މީހުންނަކީ ގައުމުން ބޭރުން ވައިރަސް ޖެހުނު ފަހުން އެގައުމަށް ދިޔަ މީހުން ކަމަށް ބުނެފަ އެވެ.
އެހެންކަމުން ޗައިނާއިން ވަނީ ރެއިން ފެށިގެން އެގައުމުން ބޭރުން ބެއިޖިންއަށް ދާ ހުރިހާ ފަސިންޖަރުން އަމިއްލައަށް 14 ދުވަސްވަންދެން ކަރަންޓީނު ވުމަށް ނުވަތަ އެކަމަށް ހާއްސަކޮށް ހަދާފައިވާ ފެސިލިޓީއަކަށް ދިޔުމަށް އަންގާފަ އެވެ.
ޗައިނާގެ ވޫހާންއިން މިދިޔަ ޑިސެމްބަރު މަހު ފެނުނު އާ ބާވަތުގެ ކޮރޯނާވައިރަހަށް އެގައުމުގައި މިހާތަނަށް 80،900އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ، އޭގެ ސަބަބުން 3,172 މީހުން ވަނީ މަރުވެފަ އެވެ. ނަމަވެސް ޗައިނާގައި ވައިރަސް ފެތުރުން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތައް އަޅާ، މިހާރު ވައިރަސް ފެތުރުން ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފަ އެވެ. އެގޮތުން އެގައުމުގައި ކޮންމެ ދުވަހަކު އަލަށް ވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.
ޗައިނާގެ އިތުރުން އެ ވައިރަސް މިހާރު ވަނީ 115 ގައުމަކަށް ފެތުރިފަ އެވެ. އަދި އެގައުމުން ބޭރުގައި ވައިރަހުގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ 1،500އަށް ވުރެ އިތުރުވެފަ އެވެ. އަދި ޗައިނާއިން ބޭރުގައި ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ދެގައުމު ކަމަށްވާ އިޓަލީ އާއި އީރާނުގައި 22،000އަށް ވުރެ ގިނަ މީހުން ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.