ޑްރަގް ކޯޓުގެ ގާޒީ އާދަމް އާރިފްގެ އިތުރު ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކޮމިޝަންގެ ގާނޫނުގެ 22.1 ވަނަ މާއްދާގެ (ބ)ގެ ދަށުގައިވާ ފަދައިން، މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމިޓީއިން ބެލުމަށްފަހު، ކޮމިޝަނުގެ ބައްދަލުވުމަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ކޮމިޓީއިން ބަލަން ނިންމާފައިވާ މައްސަލައެއްގެ ތަހުގީގު ކޮމިޓީ އެކުލަވާލި ކަމަށެވެ.

ތަހުގީގު ކޮމިޓީ އެކުލަވާލާފައިވަނީ ޑްރަގް ކޯޓުގެ ގާޒީ އާދަމް އާރިފްގެ ސުލޫކީ މައްސަލަ ބެލުމަށްކަމަށް ޖޭއެސްސީއިން ބުނެފައިވެއެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގައިވެސް އާދަމް އާރިފްގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖޭއެސްސީ އިން ވަނީ ނިންމާފައެވެ.

މިދިޔަ އަހަރުގައި ސުލޫކީ މައްސަލައެއް ބަލަން ނިންމާފައިވާކަމަށް ޖޭއެސްސީއިން ބުނެފައިވަނީ ގާޒީ އާދަމް އާރިފް ޑްރަގް ކޯޓަށް ބަދަލުކުރެއްވި ދުވަސްވަރުގައެވެ. އޭގެ ކުރިން ގާޒީ އާރިފް ހުންނެވީ ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގައެވެ.