ގއ. ކޮނޑޭ މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓްރޭޓު މުހައްމަދު އިބްރާހީމްގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮނޑޭ މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓްރޭޓު މުހައްމަދު އިބްރާހިމް އަމަލުކުރައްވާފައިވާ ގޮތުން އޭނާގެ ސުލޫކަށް އަސަރުކުރާފަދަ ކަމެއް ފާހަގަވެފައިވާ ކަމަށެވެ.

އެހެންކަމުން ޖޭއެސްސީގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ށ)ގެ ދަށުން މުހައްމަދު އިބްރާހީމްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

އަލަށް ބަލަން ފަށާފައިވާ މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ޖޭއެސްސީއިން އާންމުކޮށްފައެއް ނުވެއެވެ.

މުހައްމަދު އިބްރާހީމްގެ އިތުރު ސުލޫކީ މައްސަލައެއް ވަނީ މީގެކުރީންވެސް ބަލާފައެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ޖޭއެސްސީ އިން ވަނީ އޭނާގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމާފައެވެ.

ޖޭއެސްސީއިން އެ މައްސަލަ ބަލައި، އިސް މެޖިސްޓްރޭޓު މުހައްމަދު އިބްރާހީމް އަށް ވަނީ ނަސޭހަތް ދީފައެވެ.