ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް ލިބޭ އާމްދަނީ 6.9 ބިލިއަނެއްހާ ރުފިޔާ މަދުވާނެ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކޮރޯނާވައިރަސްގެ ބަލިމަޑުކަމާ ގުޅިގެން މިއަދު ރައްޔިތުންނާ މުހާތަބު ކުރައްވާ ރައީސް ވިދާޅުވީ ކޮރޯނާވައިރަހާ ގުޅިގެން އިގްތިސާދަށް އެންމެ ބޮޑު ލޮޅުމެއް އަންނާނެ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ. ރައީސް ވިދާޅުވީ ޖީޑީޕީ ކުރިއަރާ މިންވަރު ހުންނާނީ، 0.5 ޕަސެންޓާއި މައިނަސް 5.6 އިންސައްތައާ ދެމެދުގެ މިންވަރެއްގައި ކަމަށެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ، ރާއްޖޭގައި މިހާރު ފަށާފައިވާ ތަރައްގީގެ އެއްވެސް މަޝްރޫޢެއް މެދުކަނޑާނުލައި ކުރިއަށް ގެންދިޔުމަށް ކަމަށެވެ. އަދި އިގްތިސާދީ މި ދަތި ހާލަތުގައި ވެސް މުވައްޒަފުންގެ މުސާރަ ވެސް ކުޑަނުކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި އެކަނިވެސް، ރާއްޖެ އައި ފަތުރުވެރިންގެ ޢަދަދު، މިދިޔަ އަހަރާ އަޅައިބަލާއިރު، 22.8 ޕަސެންޓް ދަށަށް ހިނގައްޖެ. އަދި ޖަނަވަރީ 26 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 161740 ބެޑްނައިޓް ކެންސަލްވެއްޖެ،" ރާއްޖޭގެ އިގްތިސޯދަށް އަންނަ ހީނަރުކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު ހަދާފައި ހުރި ބުކިންތައް ކެންސަލްވަމުންދާ ނިސްބަތަށް ބަލާއިރު، މިއަހަރުގެ ތެރޭގައި ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު، މިދިޔަ އަހަރާ އަޅައި ބަލާއިރު، 12 ޕަސެންޓައި 35ޕަސެންޓާ ދެމެދުގެ މިންވަރަކަށް ދަށަށް ދާނެކަމަށް އަންދާޒާ ކުރާ ކަމަށެވެ.

"އަޅުގަނޑުމެން ކުރިން އަންދާޒާ ކުރީ މިއަހަރުގެ ފަތުރުވެރިކަން އަށް ޕަސެންޓް ކުރިއަރާނެ ކަމަށް. އަޅުގަނޑުމެން އަންދާޒާ ކޮށްގެން މިތިބީ، މިއަހަރުގެ ތެރޭގައި 7.5 ޕަސެންޓުގައި ޖީޑީޕީ ކުރިއަރާނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.

އިގްތިސޯދަށް އަންނަަ ލޮޅުމާއެކު މިއަހަރުގެ ތެރޭގައި އާމްދަނީ ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ، 2.1 ބިލިއަން ރުފިޔާ އާއި 6.9 ބިލިއަން ރުފިޔާގެ މިންވަރެއް ދަށްވާނެ ކަމަށް ބެލެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"މި ދަތިތައް ކުރިމަތިވިޔަސް، މާތް ﷲގެ ވާގިފުޅާ އެކު ސަރުކާރުން މަސައްކަތް ކުރަމުން މިއަންނަނީ، ރައްޔިތުންނަށް ދެމުން އަންނަ އެއްވެސް ހިދުމަތަކަށް، ހުއްޓުމެއް އަޔަ ނުދިނުމަށް،" ރައީސް ސޯލިހު ވިދާޅުވިއެވެ.

އިގްތިސޯދަށް ލޮޅުން އެރި ނަމަވެސް ރާއްޖޭގެ އެއްވެސް ރަށަކުން ކާޑުގެ ބާވަތްތައް ހުސްނުވާނެކަމުގެ ޔަގީންކަން ރައީސް މިއަދު ދެއްވިއެވެ. އެގޮތުން އެސްޓީއޯ އޮތީ އެކަމަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށާއި، ރާއްޖެއަށް ބޭނުންވާ ބޭސްވެސް އެއްވެސް ދައްޗެއް ނެތި ލިބޭނެ ކަމަށެވެ.

"ރާއްޖެއަށް ތިން މަސްދުވަހަށް ފުދޭ މިންވަރަށް، ބޭހުގެ އެހީ ފޯރުކޮށްދޭން އަވައްޓެރި އިންޑިޔާއިން މިހާރު ވަނީ ނިންމާފައި. އަދި ޕްރޮފެޝަނަލް ޑޮކްޓަރުންގެ ޓީމެއް ފޮނުވުމަށް ވެސް އިންޑިޔާއިން ވަނީ ނިންމާފައި. އޭގެ އިތުރުން ރަޙްމަތްތެރި އެހެން ގައުމުތަކުން ވެސް، ކޮވިޑް19 އާ ދެކޮޅަށް ރާއްޖެއަށް އެހީތެރިވެދޭނެ ކަމުގެ ފެހި ސިގްނަލް ވަނީ ލިބިފައި،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތަރައްގީގެ ހުރިހާ މަޝްރޫއެއްވެސް މިހާރު ރޭވިފައި ހުރިގޮތަށް ކުރިއަށްދާނެ ކަމަށާއި ނަމަވެސް ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުމަށް ބައެއް ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ސަރުކާރުން ހިންގާ ޕީއެސްއައިޕީގައި ނުހިމެނޭ ހަރަދުތައް ކުޑަކުރަން ނިންމާފައިވާ ކަމަށާއި ސަރުކާރުން ކުރާ ދަތުރުތަކާއި މުއައްސަސާތަކުން ކުރަންޖެހޭ މަރާމާތާއި އެފަދަ ބައެއް ހަރަދުތައް ވެސް މިވަގުތަށް ކުޑަކޮށްފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އިގްތިސޯދަށް އަންނަ ލޮޅުމުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލިބޭނެ ގެއްލުން ކުޑަކުރުމަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީލިބޭނެ ގޮތްތައް މަރުކަޒީ ބޭންކް އެމްއެމްއޭ އާއި ރާއްޖޭގައި ހިންގާ ބެންކުތަކާއެކު ކުރަމުންދާކަން ރައީސް މިއަދު އިއުލާނު ކުރެއްވިއެވެ.

މީގެ އިތުރުން ބޭރުގެ ހިލޭއެހީ އާއި ލޯނު އެހީ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެމަސައްކަތަށް އެކުވެރި ގައުމުތަކާއި ބޭރުގެ މާލީ އިދާރާތަކުގެ ފެހި ސިގްނަލް ލިބިފައިވާކަން އެމަނިކުފާނު ފާހަކަަ ކުރެއްވިއެވެ.

ރައީސް ސޯލިހު ވަނީ ކޮވިޑ19 އާއި ގުޅިގެން ރައްޔިތުން ކަންބޮޑުވެ ހާސް ނުވުމަށާއި ޑޮކްޓަރުންގެ ލަފައާއި އިރުޝާދުތަކަށް ބޯލެނބުމަށް އިލްތިމާސް ކުރައްވައިފައެވެ.