ކޮވިޑް19 އާ ގުޅިގެން މުވައްޒަފުންނާއި ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި، ފެން ބިލުތައް ގެންގޮސްދޭނީ ކޮންމެ ގޭބިސީއެއްގެ ވެސް ގްރައުންޑް ފްލޯ އާ ހަމައަށް ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެފިއެވެ.

އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހިދުމަތްތައްކަށް ބައެއް ބަދަލުތައް ގެނެސްފައިި ވަނީ، ވައިރަހާ ގުޅިގެން ރާއްޖެ ޔެލޯ އެލާޓުގައި އޮތުމުން ކަމަށެވެ.

އަދި ހާލަތަށް އަންނަ ބަދަލާއެކު ހިދުމަތްތަކަށް ވެސް ބަދަލު ގެންނާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އެހެންކަމުން ބިލު ފަސޭހަކަމާއެކު ރައްދު ކޮށްދިނުމަށް، ކޮންމެ ގޭބިސީއެއްގެ ވެސް ގްރައުންޑް ފްލޯގައި ބިލް ހޯލްޑާ ކްލިޕް ބެހެއްޓުމަށާއި، އެފަދަ ވަސީލަތެއް ނެތް ގޭބިސީތަކުން ބިލު ބެހެއްޓޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެމްޑަބްލިއުއެސްސީ އިން އިލްތިމާސް ކުރެއެވެ.

އެ ކުންފުނިން ބުނީ އާންމު ހާލަތަށް ރުޖޫއަވުމާއެކު، ކުރިއެކޭ އެއްފަދައިން ބިލު ބެހުމުގެ ކަންތައް ކުރިއަށް ގެންދާނެ ކަމަށެވެ.

ވައިރަހާ ގުޅިގެން އެމްޑަބްލިއުއެސްސީއަށް ބިލްތައް ދައްކަން ދިއުމުގެ ބަދަލުގައި އޮންލައިންކޮށް ބިލްތައް ދައްކަން ވެސް އެކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްޑަބްލިއުއެސްސީގެ އެޕް މެދުވެރިކޮށް ކޮންމެ މަހެއްގެ ފެން ބިލަށް އަރާވަރު ބެލޭއިރު ކިއުގައި މަޑުނުކޮށް ކޮންމެ ތަނެއްގައި ވެސް ހުރެގެން ބިލް ދެއްކެ އެވެ.

އޭގެ އިތުރުން އޮންލައިންކޮށް ފެނާއި ނަރުދަމާގެ ހިދުމަތަށް އެދި ފޯމު ހުށަހެޅުމާއި ގޭގައި ތިބެގެން ސްޓޭޓަސް ބެލެ އެވެ.

އެހެންކަމުން މިދަނޑިވަޅު ކުންފުނީގެ އޮންލައިން ވަސީލަތްތައް ބޭނުންކޮށް ރައްކާތެރިވުމަށް އެމްޑަބްލިއުއެސްސީ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.