12 Mar 2020, 16:41
ކޮރޯނާވައިރަސް ޖެހިފައިހުރި މީހަކާ އެއް އިމާރާތެއްގައި އުޅުމަށް ފަހު މެލޭޝިއާއިން އައި ދިވެހި މީހާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19 އަށް ނެގަޓިވް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
މެލޭޝިއާ އިން އައި ދިވެހި މީހާ ކޮރޯނާވައިރަސް އަށް ޓެސްޓުކުރީ، އޭނާ ރާއްޖެ އައިފަހުން ބައްޔަށް ޝައްކު ކުރެވޭ އަލާމާތްތައްކެއް ހުރުމުންނެވެ.
އެޗްޕީއޭއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ދިވެހި މީހާ ވައިރަހަށް ޓެސްޓުކުރުމުން އޭނާ ވައިރަހަށް ނެގަޓިވްވެފައިވާ ކަމަށެވެ.
އެޗްޕީއޭ އިން މިއަދު ކުރި އިތުރު ޓްވީޓެގައި ބުނީ، ވިލަވަރުގައި ކަރަނޓީންކޮށްފައިވާ ދިވެހި މީހަކާއި ބިދޭސީއަކު ވައިރަހަށް ނެގަޓިވްވުމުން އެ ދެމީހުން ސެލްފް އައިސޮލޭޝަނަށް ގެއަށް ދޫކޮށްފައިވާ ކަމަށެވެ.
ސަރުކާރުން މިއަދު ވަނީ ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު މިއަދު އިއުލާންކޮށްފައެވެ. ކުއްލި ނުރައްކަލުގެ ހާލަތު މުޅި ރާއްޖޭގައި މި އިއުލާން ކުރީ، "އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނު"ގެ ދަށުން މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން 30 ދުވަހުގެ މުއްދަތަށެވެ.
https://sun.mv/132863
ކޮރޯނާ ވައިރަސްއަށް ރާއްޖޭގެ ތިން ރިސޯޓަކުން އަށް ބިދޭސީން ވަނީ ޕޮޒިޓިވްވެފަ އެވެ. ރާއްޖެއިން އެންމެ ފުރަތަމަ ބަލި ޖެހިފައިވާ މީހަކު ފެނުނީ ކުރެއްދޫ އައިލެންޑް ރިސޯޓުންނެވެ. އެ ރިސޯޓުން މިހާތަނަށް ހަތަރު މީހަކު ވައިިރަހަށް ޕޮޒިޓިވް ވެފައިވާއިރު ބަތަލާ ރިސޯޓުން ދެ ފަތުރުވެރިއަކު، ކުރަމަތި އައިލެންޑް ރިސޯޓުން ދެ މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. އެ އަށް މީހުންނަކީވެސް ބިދޭސީންނެވެ.
މިހާތަނަށް ކޮރޯނާ ވައިރަސް 125 ގައުމަކުން ފެނިފައިވާ އިރު، އެ ބައްޔަށް 128,058 މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ. ބަލި ރަނގަޅުވި މީހުންގެ އަދަދު 68,337 އަށް އަރާއިރު، މަރުވި މީހުންގެ އަދަދަކީ، 4,717 އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ރޭ ވަނީ ކޮވިޑް-19 އަކީ "ޕެންޑަމިކް" ނުވަތަ މުޅި ދުނިޔެއަށް ފެތުރިފައިވާ ބައްޔެއްގެ ގޮތުގައި ކަނޑައަޅާފައެވެ. މިއީ ކޮރޯނާ ވައިރަސްއަކާ ގުޅިގެން "ޕެންޑަމިކް" ކަނޑައެޅި ފުރަތަމަ ފަހަރެވެ.