11 Dec 2011, 15:59
ކްލެސިކޯ މެޗުގައި ރެއާލް މެޑްރިޑްގެ މައްޗަށް ބާސެލޯނާ ހޯދި ކާމިޔާބީއާ އެކު އެކުލަބު ސްޕެނިޝް ލަލީގާގެ އެއްވަނަ އަށް ޖެހިލައިފި އެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދެއްކި ރެއާލް އިން ބާސާ އަތުން ބަލިވީ ލަނޑެއް ޖަހާ ކުރި ހޯދާފައި ވަނިކޮށެވެ. މެޗުގެ ތޭވީސް މިނެޓް ތެރޭ ރެއާލް އަށް ލީޑު ހޯދައިދިނީ އެޓީމުގެ ފްރާންސް ފޯވާޑް ކަރިމް ބެންޒެމާ އެވެ. ބެންޒެމާ މިލަނޑު ކާމިޔާބުކުރީ ބާސާގެ ކީޕަރު ވިކްޓާ ވަލްޑޭޒް އަށް ހެދުނު ގޯހަކުންނެވެ.
މެޗުގެ ތިރީސް ވަނަ މިނެޓުގައި ބާސާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެލެކްސިސް ސަންޗޭޒް އެވެ. މިލަނޑު ސަންޗޭޒް ކާމިޔާބު ކުރީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނަލް މެސީ ދިން ހިތްގައިމު ބޯޅަ އަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ބާސާ އިން ދިޔައީ އެޓީމުގެ މޮޅު ކުޅުން ދައްކަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 53 ވަނަ މިނެޓުގައި ޒަވީ ވަނީ ބާސާ އަށް ލަނޑެއް ކާމިޔާބު ކޮށްދީ ލީޑު ނަގައިދީފަ އެވެ. މެޗުގެ 66 ވަނަ މިނެޓުގައި ބާސާ އަށް ލީޑު ފުޅާކޮށްދިނީ އެޓީމުގެ ސްޕެއިން މިޑްފީލްޑަރު ސެސް ފެބްރިގާސް އެވެ.
މިމެޗު 3-1 ލަނޑުން ބާސާ އިން މެޗު ކާމިޔާބު ކުރުމުން އެކުލަބު ވަނީ ލީގުގެ އެއްވަނަ އަށް ޖެހިލާފަ އެވެ. އަދި މިމެޗުން ރެއާލް ބަލިވުމުން އެޓީމު ވަނީ ލީގުގެ ދެވަނަ އަށް ވެއްޓިފަ އެވެ. ލީގުގައި ރެއާލް އާއި ބާސާ އަށް ލިބިފައިވަނީ 37 ޕޮއިންޓެވެ. ބާސާ ކުރީގައި އޮތީ އެއް މެޗު އިތުރަށް ކުޅެގެން ގޯލުގެ ތަފާތުންނެވެ.
ލީގުގެ ތިންވަނާގައި އޮތް ވެލެންސިއާ އަށް ރޭގެ މެޗުން ރެއާލް ބެޓިސްގެ މައްޗަށް ކުރި ހޯދިފައެއް ނުވެ އެވެ. ބެޓީސް އިން މެޗު ކާމިޔާބުކުރީ އިތުރު ވަގުތުގައި ރުބެން ކާސްޓްރޯ ކާމިޔާބު ކުރި ދެލަނޑާ އެކު ފަހަތުން އަރަ އެވެ. މެޗުގެ 66 ވަނަ މިނެޓުގައި ވެލެންސިއާ އަށް ލީޑު ލިބުނީ ބެޓިސްގެ ހޯސޭ އެންޓޯނިއޯ ޑޮރާޑޯ ރަމިރޭޒް އަތުން ބައިކޮޅަށް ވަތް ލަނޑެއްގެ ސަބަބުންނެވެ. މިމެޗު ނިމިގެންދިޔައީ 2-1 ލަނޑުން ބެޓިސް ކުރީގައި އޮވެގެންނެވެ.