ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް މިހާރު ތާވަލްކޮށްފައި އޮތް ތާރީހުގައި އިންތިހާބު ބޭއްވޭނެ ހާލަތު އޮވެދާނެ ކަމަށް މިވަގުތަށް ލަފާނުކުރެވޭ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

އިންތިހާބު އަންނަ މަހު ހަތަރު ވަނަ ދުވަހު ބޭއްވުމަށް ތާވަލްކޮށްފައިވާއިރު، ސަރުކާރުން މިއަދު ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މުޅި ރާއްޖެއަށް އިއުލާންކޮށްފަ އެވެ. ކޮރޯނާ ޖެހިފައިވާ އަށް މީހަކު ރާއްޖެއިން ފެނިފައިވާ އިރު ކައުންސިލް އިންތިހާބު ލަސްކުރުމަށް އާންމުން ދަނީ ގޮވާލަމުންނެވެ.

ސިއްހީ ކުއްލި ނުރައްކާ އިއުލާން ކުރުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ، އިންތިހާބު ބޭއްވުމާއި ނުބޭއްވުމާމެދު އެއްޗެއް ބުނުމުގެ ދައުރެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގައި ނެތް ކަމަށެވެ. ނަމަވެސް އިންތިހާބު ބޭއްވުމަށް މިހާރު ކަނޑައެޅިފައިވާ ތާރީހަކީ މިހާރު އޮތް ހާލަތައް ބަލައި، އެންމެ ރަނގަޅު ތާރީހެއް ނޫން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ނަމަވެސް ރާއްޖޭގެ އާންމު ސިއްހީ ހާލަތުގެ ކަންކަން މިއަދު އޮތް ހިސާބަށް ބަލާއިރު، ހާއްސަކޮށް ކޮރޯނާވައިރަސްގެ ބަޔަކު ރާއްޖެއިން ޕޮޒިޓިވްވެފައިވާއިރު، އަދި ދުނިޔޭގައި މި ބަލި ފެތުރެމުންދާ ނިސްބަތާއި ހަލުވިކަމަށް ބަލާއިރު، މީގެ އެއް މަސްދުވަސް ފަހަށް އަންނައިރު، އެޕްރީލް މަހު ފުރަތަމަ ހަފްތާއާހަމައަށް އަންނައިރު، އަޅުގަނޑުމެން ބޮޑެތި އެއްވުންތައް ބާއްވައި، އެފަދަ ހަރަކާތްތައް ބާއްވަން ޖެހޭ ހާލަތަކަށް އަތުވެދާނެ ކަމަކަށް މިވަގުތު އަޅުގަނޑަށް ގަބޫލު ނުކުރެވޭ،" ކުއްލި ނުރައްކަލުގެ ހާލަތާއެކު އިންތިހާބު ފަސް ކުރުމަށް ބާރު އަޅާނަންތޯ ސުވާލު ކުރުމުން އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ، އެގޮތަށް ގަބޫލު ކުރެވުނުނަމަވެސް އެކަމާ ގުޅޭގޮތުން ގޮތެއް ނިންމަވާނޭ ކަމާ ބެހޭ އިދާރާތަކުން ކަމަށެވެ.

އަމީން އެގޮތަށް ވިދާޅުވިއިރު، މިއަދު ހަވީރު އިލެކްޝަންސް ކޮމިޝަނުން ވަނީ އެކަމާ ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައެވެ. ބެލެވޭ ގޮތުގައި އެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން އިސީން ދެކޭ ގޮތް ހާމަ ކުރައްވާނެ އެވެ.

"ހާލަތައް ބަލައި، ތައުލީމީ މަރުކަޒުތައް ބަންދުކުރާނަން"
ސަރުކާރުން މިއަދު ވަނީ ކޮރޯނާ ވައިރަހާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު މިއަދު ވަނީ އިއުލާންކޮށްފައެވެ. ކުއްލި ނުރައްކަލުގެ ހާލަތު މުޅި ރާއްޖޭގައި މި އިއުލާން ކުރީ، "އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނު"ގެ ދަށުން މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން 30 ދުވަހުގެ މުއްދަތަށެވެ.

އެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ސިއްހީ ކުއްލި ނުރައްކަގެލު ހާލަތުގައި އެޅޭނެ ފިޔަވަޅުތަކުގެ ތެރޭގައި ތައުލީމު ދޭ މަރުކަޒުތައް ބަންދުކުރުމަށް އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލްއަށް އަމުރު ކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

މިއަދު ސަރުކާރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން ސްކޫލްތަކާއި ކޮލެޖް އަދި ޔުނިވާސިޓީފަދަ ތަންތަން މިވަގުތަށް ބަންދު ކުރާނެތޯ ސުވާލު ކުރުމުން އަމީން ވިދާޅުވީ، އެޗްޕީއޭ އިން ފިޔަވަޅު އަޅާނީ ތަނެއްގައި އޭރު އޮންނަ ހަލަތާއި ވަގުތަށް ބެލުމަށްފަހު ކަމަށެވެ.

"މިވަގުތު މި އިއުލާން ކުރި ވަގުތު އިތުރު ތަނެއް ބަންދުކުރުމަށް، އިތުރު ހަރަކާތެއް ހުއްޓާލުމަށް ނާންގަން. މި އިއުލާނާއެކު ދެން ކޮންމެ ދުވަހަކު އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނަން،" މިނިސްޓަރު އަމީން ވިދާޅުވިއެވެ.

ރޭ ސަރުކާރުން ވަނީ ސްކޫލްތައް ހުޅުވުން 10 ދުވަހަށް ފަސްކޮށްފައެވެ. ފުރަތަމަ ޓާމްގެ ކުރު ޗުއްޓީއަށްފަހު ކުރިން އޮތް ގޮތުން ސްކޫލްތައް ހުޅުވުން އަތީ އަންނަ އާދިއްތަ ދުވަހުއެވެ. ސަރުކާރުން ރޭ ނިންމި ނިންމުމާއެކު ދެން ސްކޫލްތައް ހުޅުވޭނޭ މިމަހުގެ 21 ވަނަ ދުވަހުގައެވެ.

ސްކޫލްތައް ހުޅުވުން ލަސްކުރި ނަމަވެސް ކޮލެޖްތަކާއި ޔުނިވާސިޓީގެ ކިޔުވުން އަދި މެދުކަނޑައެއް ނުލައެވެ.