މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މެދުވެރިކޮށް އެއް ދުވަސް ތެރޭ ސްރީލަންކާ އަށް ފައިސާ ފޮނުވޭ ހިދުމަތެއް ތައާރަފުކޮށްފިއެވެ.

އަމާނަ ބޭންކް އޮފް ސްރީލަންކާ އާއި ގުޅިގެން މިއަދު ތައާރަފުކުރި މި ހިދުމަތަކީ ލުއިފަސޭހަކަމާއެކު ހެޔޮ އަގެއްގައި އަވަހަށް ފައިސާ ފޮނުވޭނެ ހިދުމަތެކެވެ. މިއީ ރާއްޖޭގައި ތިބޭ ލަންކާ ރައްޔިތުންނަށާއި ލަންކާގައި ތިބޭ ދިވެހި އާއިލާތަކަށް ފައިސާ ފޮނުވުމަށް ތައާރަފު ކުރި ހިދުމަތެއް ކަމަށް އެމްއައިބީ އިން ބުންޏެވެ.

މި ހިދުމަތާއެކު ލަންކާގައި ތިބޭ މީހުންނަށް ފައިސާ ލިބޭނީ ޑޮލަރުން ނުވަތަ ލަންކާ ރުޕީޒް އިންނެވެ. ފައިސާ ފޮނުވާތާ އެއް ދުވަސްތެރޭ ފައިސާ ލިބޭނެއެވެ.

އެމްއައިބީގެ ކޮންމެ ބްރާންޗަކުންވެސް މި ހިދުމަތް ލިބިގަނެވޭނެއެވެ. މި ހިދުމަތުގެ ފީ އަކީ ތިން ޑޮލަރާއި ހަމައަށެވެ. މި ހިދުމަތާއެކު އަމާނާ ބޭންކަށް ފޮނުވާ ފައިސާ އެދުވަހަކު އަދި ލަންކާގެ ބައެއް އެހެން ބޭންކުތަކަށް ފޮނުވާ ފައިސާ މަސައްކަތު އެއް ދުވަސް ތެރޭ ލިބޭނެއެވެ.