ކޮލަމްބޯ (މާޗް 12): ސްރީލަންކާގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން އެގައުމުގެ ސަރުކާރުގެ ސްކޫލުތައް ބަންދު ކުރަން ނިންމައިފި އެވެ.

ލަންކާގެ އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި ސަރުކާރުގެ ސްކޫލްތައް ބަންދު ކުރަން ނިންމާފައި ވަނީ މާދަމާއިން ފެށިގެން އަންނަ މަހުގެ 20އާ ހަމައަށެވެ.

މީގެ އިތުރުން ލަންކާގެ ކެތޮލިކް އެޑިއުކޭޝަން އޮފީހުން ވަނީ އެގައުމުގެ ހުރިހާ ޕްރައިވެޓް އަދި އިންޓަނޭޝަނަލް ކެތޮލިކް ސްކޫލުތައްވެސް މާދަމާއިން ފެށިގެން މިމަހުގެ 26އާ ހަމައަށް ބަންދު ކުރަން ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ.

ސްރީލަންކާގައި މިހާތަނަށް ދެ މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން ފުރަތަމަ ވައިރަހަށް ޕޮޒިޓިވްވި މީހާއަކީ ޗައިނާއިން އެގައުމަށް ދިޔަ މީހެކެވެ. އަދި އެ މީހާގެ ބަލި ރަނގަޅުވުމުން މިދިޔަ މަހު އޭނާ ވަނީ އެނބުރި ގައުމަށް ގޮސްފަ އެވެ. އޭގެ ފަހުން އިއްޔެ ލަންކާއިން ވަނީ އެގައުމުގެ 52 އަހަރުގެ މީހަކުވެސް ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަން ހާމަކޮށްފަ އެވެ. އަދި އެމީހާއަށް މިހާރު ފަރުވާ ދެމުންދާ ކަމަށާއި ފާއިތުވި ދުވަސްތަކުގައި އެމީހާއާ ކޮންޓެކްޓުވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ.

ލަންކާއިން މިހާރު ވަނީ ބޭރުގެ ފަތުރުވެރިންނަށް އޮން އެރައިވަލް ވިސާ ދިނުން ވަގުތީ ގޮތުން ހުއްޓާލާފަ އެވެ. ނަމަވެސް ދިވެހިންނަށް އަދިވެސް އޮން އެރައިވަލް ވިސާ ލިބެމުންދާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާއިން ފެނުނު ކޮރޯނާވައިރަސް މިހާރު ދުނިޔޭގެ 116 ގައުމަކަށް ފެތުރި، އެ ވައިރަހަށް 126،000އަށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އޭގެ ސަބަބުން 4,641 މީހަކު މަރުވެފައިވާ އިރު 68,305 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.