ރާއްޖޭގައި ރޯގާ ޖެހޭ މީހުންގެ ނިސްބަތް އިތުރުވެގެންދާ ނަމަ، ކޮރޯނާވައިރަހުގެ ހާލަތާ ގުޅިގެން ނެރެފައިވާ އެލާޓް، އޮރެންޖަށް ބަދަލުކުރުމާ ގުޅޭ ގޮތުން ކެބިނެޓްގައި މިއަދު މަޝްވަރާކޮށްފި އެވެ.

ރާްއްޖޭގައި މިވަގުތު އޮތީ، ޔެލޯ އެލާޓްގަ އެވެ.

ރައީސް އޮފީހުން މިއަދު ހާމަކުރި ގޮތުގައި ކޮރޯނާވައިރަހަކީ މުޅިދުނިޔެއަށް ފެތުރެމުން އަންނަ ބަލިމަޑުކަމެއް ނުވަތަ ޕެންޑެމިކެއްގެ ގޮތުގައި ޑަބްލިއުއެޗްއޯއިން މިހާރު ކަނޑައަޅާފައި ވާތީ ރައީސް ސޯލިހު ވަނީ، އެކަމާ މެދު ވަޒީރުންގެ މަޖިލީހާ މިއަދު މަޝްވަރާ ކުރައްވައިފަ އެވެ.

އެގޮތުން ރާއްޖޭގައި މިހާރު ޔެލޯ އެލަރޓް ނެރެފައިވުމާއެކު، ރޯގާޖެހިފައިވާ މީހުންގެ ނިސްބަތް އިތުރުވަމުންދާނަމަ، ރޯގާގެ ހާލަތު އޮރެންޖް އެލާޓަށް ބަދަލުކުރަން ޖެހިއްޖެ ހިނދެއްގައި ކަންތައްތައް ގެންދާނެގޮތާ މެދު ކެބިނެޓުގައި ވަނީ މަޝްވަރާކޮށްފަ އެވެ. އަދި މިވަގުތު ރައްކާތެރިކަމަށް އިތުރަށް އެޅެންހުރި ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. ސަރުކާރުގެ ހުރިހާ ވުޒާރާއަކުން މިކަމަށް ވަމުންދާ ތައްޔާރީތަކާ ބެހޭގޮތުންވެސް މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދެއްކެވިއެވެ.