އާސެނަލްގެ ޑިފެންޑަރު އަންދުރޭ ސަންޓޯސް އަށް ލިބުނު އަނިޔާ އަކާއި ގުޅިގެން ކުޑަ ދުވަސްކޮޅަކު ކުޅުމާއި ދުރުގައި ހުންނަން ޖެހިދާނެ ކަމަށް އެކުލަބުގެ ކޯޗް އާސެން ވެންގާ ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގައި މިދިޔަ އަންގާރަ ދުވަހު އޮލިމްޕިއާކޯސް އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗުގައި ސަންޓޯސްގެ ކަކުލަށް އަނިޔާވެފަ އެވެ. އެމެޗުގެ ދެވަނަ ހާފުގައި ލިބުނު މި އަނިޔާ އާއި ގުޅިގެން ސަންޓޯސް ދަނޑުން ބޭލީ އަށިގަނޑުގަ އެވެ.

"ސަންޓޯސްގެ ކަކުލަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ. އެ އަނިޔާގެ ސަބަބުން އޭނާ އަށް ދުވަސްކޮޅެއް ކުޅުމާއި ދުރުގައި ހުންނަން ޖެހިދާނެ. އެ އަނިޔާ އިތުރަށް ދެމިގެން ނުދާނެ ކަމަށް އުންމީދު ކުރަން. އަނިޔާގައި ހުރި ކިރެން ގިބްސް ވެސް ދެ ހަފްތާ ނުވަތަ ތިން ހަފްތާ ތެރޭ ކުޅުމަށް އެނބުރި އަންނާނެ." ވެންގާ ބުންޏެވެ.

ސަންޓޯސް އާއި އެކު އާސެނަލްގެ އިތުރު ޑިފެންޑަރުން ތަކެއް ވެސް ހުރީ އަނިޔާގަ އެވެ. އޭގެ ތެރޭގައި ގިބްސް އާއި، ކާލް ޖެންކިންސަން ވެސް ހުރީ އަނިޔާގަ އެވެ.