12 Mar 2020, 13:50
ބެއިޖިން (މާޗް 12): ޗައިނާގެ އެއާލައިންތަކަށް މިދިޔަ މަހު 20.96 ބިލިއަން ޔުއާން (ތިން ބިލިއަން ޑޮލަރު)ގެ ގެއްލުން ލިބުނު ކަމަށް އެގައުމުގެ ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (ސީއޭއޭސީ)އިން މިއަދު ބުނެފި އެވެ.
ސީއޭއޭސީން ބުނި ގޮތުގައި މިދިޔަ މަހު ޗައިނާގެ އެއާލައިންތައް ބޭނުން ކުރި ފަސިންޖަރުންގެ އަދަދު ވަނީ 84.5 ޕަސެންޓަށް ދަށްވެފަ އެވެ. އަދި އޭގެ ސަބަބުން މުޅި އޭވިއޭޝަން ސިނާއަތަށް ލިބުނު ގެއްލުމުގެ އަގު 24.59 ބިލިއަން ޔޫއާނަށް (3.5 ބިލިއަން ޑޮލަރަށް) އަރަ އެވެ.
އޭގެ ސަބަބުން ޗައިނާގެ ސަރުކާރުން ވަނީ އެގައުމުގެ އެއާލައިންތަކަށް އެހީވުމަށް އަޅާނެ ފިޔަވަޅުތަކެއް މިހަފްތާގެ ކުރީކޮޅު އިއުލާންކޮށްފަ އެވެ. އެގޮތުން ސީއޭއޭސީން ވަނީ އެގައުމުގެ އެއާލައިންތަކަށް ސަބްސިޑީތައް ދީ، ބައިނަލްއަގުވާމީ ދަތުރުތައް ކުރާ އެއާލައިންތަކަށް އިތުރު ފައިސާގެ އެހީ ދޭނެ ކަމަށް ބުނެފަ އެވެ.
މީގެ އިތުރުން ޓޭކް-އޮފް އަދި ލޭންޑިން ޗާޖު ކުޑަކޮށް، އެއާޕޯޓް އިންފްރާސްޓްރަކްޗާ އިންވެސްޓުމެންޓުތައް އިތުރު ކުރަން ވަނީ ނިންމާފަ އެވެ.
މިދިޔަ ޑިސެމްބަރު މަހު ޗައިނާގައި ފެތުރެން ފެށި ކޮރޯނާވައިރަހުގެ ސަބަބުން އެގައުމުގެ އެތެރޭގަ އާއި ބޭރަށް ކުރާ ގިނަ އަދަދެއްގެ ދަތުރުތައް ވަނީ ކެންސަލްކޮށްފަ އެވެ. އެގޮތުން މިދިޔަ މަހު ސީއޭއޭސީން ވަނީ ކޮރޯނާވައިރަހާ ގުޅިގެން ޗައިނާގެ އެއާލައިންތަކުގެ 66 ޕަސެންޓު ބޯޓުތައް ބޭނުން ކުރުން ހުއްޓާލާފައިވާ ކަމަށް ބުނެފަ އެވެ.
ޗައިނާގެ އެންމެ ބޮޑު އެއާލައިންތަކުގެ ތެރޭގައި ޗައިނާ ސަދަން، ޗައިނާ އީސްޓާން، އެއާ ޗައިނާ އަދި ހައިނާން އެއާލައިންސް ހިމެނެ އެވެ. ރިޕޯޓުތަކުގައިވާ ގޮތުން އެގައުމުން ދަނީ ހައިނާންގެ ޕޭރެންޓް ކުންފުނި ކަމަށްވާ އެޗްއެންއޭ ގުރޫޕު ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނެސް، އެ އެއާލައިންގެ އެސެޓުތައް ވިއްކާލަން ތައްޔާރުވަމުންނެވެ. އަދި ސަރުކާރުގެ އިސް އޮފިޝަލުންތަކެއް މިހާރު ވެސް ވަނީ އެކުންފުނި ހިންގުމާ ހަވާލުވެފައިފަ އެވެ.
ޗައިނާގައި މިހާތަނަށް 80،000 އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން 3,169 މީހަކު ވަނީ މަރުވެފަ އެވެ. އަދި މުޅި ދުނިޔޭގައި އެ ވައިރަހަށް 126,490 މީހުން ޕޮޒިޓިވްވެ، އެ ވައިރަހުގެ ސަބަބުން ޗައިނާއިން ބޭރުގައި މަރުވި މީހުންގެ އަދަދު ވަނީ 1،000އަށް ވުރެ އިތުރުވެފަ އެވެ.