11 Dec 2011, 15:49
ސ. ގަމުން ފުރައިގެން ގދ. ކާޑެއްދު އަށް ދިޔަ މޯލްޑިވިއަންގެ ފުލައިޓެއްގެ ތެރޭގައި ހިތްހަމަނުޖެހުން ފާޅުކޮށް ބޯޓުގެ ފާޚާނާ އަށް ގެއްލުންދިން މީހަކު ސިފައިންނާ ހަވާލުކޮށްފި އެވެ.
މޯލްޑިވިއަންގެ ހިދުމަތް ދެމުން އަންނަ އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު ވިދާޅުވީ ގަމުން ފުރައިގެން މިއަދު ކާޑެއްދު އަށް ދިޔަ މޯލްޑިވިއަންގެ ބޯޓެއްގައި އިން ފަސިންޖަރަކު ހިތްހަމަނުޖެހުން ފާޅުކޮށް ފާޚާނާ އަށް ވަދެ އެތަނަށް ގެއްލުންދިން ކަމަށެވެ. ނަމަވެސް އެމީހާ ހިތްހަމަނުޖެހުނީ ކީއްވެގެން ކަމެއް އަދި ފާޚާނާ އަށް ދިނީ ކޮންކަހަލަ ގެއްލުންތަކެއް ކަމެއް ނަޝާތު ވިދާޅެއްނުވެ އެވެ.
ނަޝާތު ވިދާޅުވީ އެ ހަމަނުޖެހުން ހިންގީ ދިވެހި ފިރިހެނެއް ކަމަށެވެ.
"އެއީ ގަމުން ކާޑެއްދު އަށް ގޮސް މާލެ ދާން އޮތް ބޯޓެއް. އެހެންވީމަ އެމީހާ ދާން އުޅުނީ ކޮންތަނަކަށް ކަމެއް ނޭނގޭ. އެހެންވީމަ ކާޑެއްދު އަށް ފޭބި ގޮތަށް ސެކިއުރިޓީންނާ އެމީހާ ހަވާލު ކުރީ،" ނަޝާތު ވިދާޅުވި އެވެ.
އެކަމާ ގުޅިގެން އެމްއެންޑީއެފްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.